ގއ. ވިލިނގިލީގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ރަށު މީހުން ގަނާ ކުރަމުން އަންނަ މައްސަލައެއް ބަލަން ފަށައިފި އެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ވީޑިއޯތަކެއް ވެސް އާންމުވަމުންނެވެ. ކުއްޖާގެ އާއިލާއިން “އެކްސް” ގައި ބުނެފައިވާ ގޮތުގައި ގަނާ ކުރަމުން އަންނަ މީހުން ދަނީ ސުކޫލު ތެރޭގައި ހިނގި ކަމަކާ ގުޅުވާ ކުއްޖާއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ރަށުގައި ފަތުރަމުންނެވެ.
އެކަމާ ގުޅިގެން ރަށުގެ ބައެއް މީހުން ގޭ ދޮށަށް އެއްވެ އަޑުގަދަ ކުރަމުން އަންނަ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ. ވިލިނގިލީގައި ކުޑަ އަންހެން ކުއްޖަކަށް ގަނާ ކުރަމުން ދަނީ ޖިންސީ މައްސަލައަކާ ގުޅުވައިގެންނެވެ. މި އެކަމުގައި 18 އަހަރު ނުފުރޭ ކުދިންނާއި, އެ ކުދިންގެ ބެލެނިވެރިންވެސް ހިމެނޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ، ގުޅުންހުރި އިދާރާތަކާ އެކު ބަލަމުންދާ ކަމަށެވެ.
އަދި މިކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޔަގީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަން ވެސް ފުލުހުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނާމެދު އެކުދިންގެ ރައްކާތެރިކަމާއި ދިރިއުޅޭ މާޙައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި އަދި އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.