English Edition
Dhivehi Edition

2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި އެމް.ޑީ.ޕީ އަށް ވެރިކަން ލިބުނުނަމަ ރާއްޖެ މިއަދު އޮންނާނީ އަވަށްޓެރި ސްރީލަންކާ އަށް ދިމާވި ފަދަ ހާލަތެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ރަސް އޮންލައިންގައި ޝާއިއުކޮށްފައިވާ ލިޔުމެއް ޝެއަރ ކުރައްވަމުން އާޒިމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީ އަށް ވެރިކަން ލިބުނުނަމަ ރާއްޖެ މިއަދު އޮންނާނީ އަވަށްޓެރި ސްރީލަންކާ އަށް ދިމާވި ފަދަ ހާލަތެއްގައި ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫންކަމަށެވެ.

އެމް.ޑީ.ޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމުގެ އިޤްތިޞާދު އެއްކޮށް ފުނޑާލައި ދައުލަތުގެ ކުންފުނިތައް އެއްކޮށް ނައްތާލައި، ކުންފުނިތަކުގެ ތިޖޫރީތައް ފަޅާ ހުސްކުރުމުގެ އާދަ ކަށީގައި ހިފާފައި ތިބޭ ބައެއް އުޅޭ ޕާޓީއެއް ކަމަށް އާޒިމް، އެމްޑީޕީ ސިފަކުރެއްވިއެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބު، އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަކީ ދިވެހި ގައުމާއި ރައްޔިތުންގެ ނަސީބު ކަމުގައި ދެކޭ ކަމަށް އާޒިމް ވަނީ އެ ޕޯސްޓްގައި ހާމަކުރައްވާފައެވެ.

އާޒިމް މި މޭރަމުން ވާހަކަ ދެއްކެވީ، ރޭ އެމް.ޑީ.ޕީން “ކުރީ ސަރުކާރު” ނަމުގައި ބޭއްވި ހަރުގެ ޖަލްސާގައި ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމް.ޑީ.ޕީ އަށް ވެރިކަން ދިންނަމަ މިއަދު މަސް ކިލޯއެއް ލިބެން ހުންނާނީ 25 ރުފިޔާއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.