English Edition
Dhivehi Edition
އިސްލާމިކް ސެންޓަރުގައި ބިދޭސީންނަށް ވެކްސިން ޖަހައިދެނީ-- މިހާރު ފައިލް ފޮޓޯ/ އަހުމަދު އަވްޝަން

އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް19 އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްގަފޫރު ވިދާޅުވީ 5 އަހަރާއި 11 އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އިތުރަށް ނާޝިޔާ ވިދާޅުވީ މި ވެކްސިން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 އިން ދިފާއުވުމަށް 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަމުން އަންނައިރު އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ %84 ކުދިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

ރާއްޖޭގައި 18 އަހަރުން މަތީގެ އެންމެނަށް ބޫސްޓަރ ޑޯޒް ޖަހަން ފަށާފައިވާއިރު އަތޮޅުތެރޭގައިވެސް ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.