ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު، އަނެއްކާވެސް ގޯސްވަމުންދާތީ މާސްކް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ޖޫން 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި އަދަދުތައް އާއްމުކޮށްފައިވާއިރު، މާލެއިން 50 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އަތޮޅު ތެރެއިން 40 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން 52 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވޭތުވެދިޔަ މަސްތަކުގައި ކޮވިޑްގެ ވޭދަނަތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު، އަނެެއްކާވެސް ގިނަވަމުންދާކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިއީ %69 ގެ އިތުރުވުމެއްކަމަށެވެ.
ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓްކޮށްފައި ވަނީ މުޅިއަކު 15 މީހުން ކަމަށެވެ. އެހެންނަމަވެސް މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް 11 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އެކަހެރިވި ޓެސްޓުތައް ހެދުމަށާއި މާސްކް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތައް، އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އާއި އެތަންތަނަށް ޒިޔާރަތް ކުރާ މީހުން މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ ގާތުން އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުމާއި ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.