English Edition
Dhivehi Edition

އެޕޮއިންޓްމެންޓާނުލައި ވެކްސިން ސެންޓަރުތަކުން މިހާރު ބޫސްޓަރ ޑޯޒް ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ބޫސްޓަރ ޑޯޒް ޖެހުމަށް އާންމުކޮށް ހުޅުވާލާފައެވެ. ނަމަވެސް މިހާތަނަށް ބޫސްޓަރ ޑޯޒް ޖަހަމުން އައީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު 95،048 މީހުން ވަނީ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ދިވެހި ރާއްޖޭގައި ބޭނުން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ, ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިމަރޖެންސީ ޔޫސް ލިސްޓިންގގައި ހިމަނާފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައި، އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފާއިތުނުވާނަމައެވެ. އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފާއިތުވެފައިވާނަމަ، ބޫސްޓަރ ޑޯޒްފުރިހަމަކޮށްފައި ވާނަމައެވެ.

އެޗްޕީއޭ އިން އިން ރޭ ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 3661 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 616 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 3045 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 95048 އަށް އަރާފައެވެ.