English Edition
Dhivehi Edition

ގދ. ކާޑެއްދޫ އެއާޕޯޓް، އަންނަ މަހު ވިލާ އެއާ އާއި ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގައި ތަރައްގީކޮށް، ބެލެހެއްޓުމަށް ވިލާ އެއާއަށް 50 އަހަރަށް ހަވާލުކޮށްފައިވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެއާޕޯޓު ހަވާލު ކުރި އެއްބަސްވުން ބާތިލުކޮށް އެތަން ވަނީ ސަރުކާރަށް ނަގާފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު މޭމަހު ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏާ އަލުން އެ އެއާޕޯޓް ހަވާލު ކުރުމަށް ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ހުކުމަށް ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވިލާ އެއާ އާއި، އެ އެއާޕޯޓް ހަވާލު ކޮށްފައި ނުވާއިރު އެ ކުންފުނިން ބުނީ އެއާޕޯޓް ހަވާލުކުރުމާއެކު ސަރުކާރާއެކު އެއްބަސްވެފައިވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ، އަންނަ މަހުގެ މެދު ތެރޭގައި އެއާޕޯޓް ވިލާއާ ހަވާލުކުރެވޭނެ ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ.