English Edition
Dhivehi Edition

މިނީ ބަހުގެ ހިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރެއިން މިހާރު ނުފުއްދި އޮތް ހަމައެކަނި ވައުދުކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މިނީ ބަހުގެ ހިދުމަތަކީ މުހިންމު ވައުދެއް ކަން ފާހަގަކުރައްވައި، މިނީ ބަހުގެ ހިދުމަތް ފެށޭނެ ތާރީހަކާ ގުޅޭ ގޮތުން ސުވާލުކުރެއްވުމުންނެވެ.

މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލެއަށް މިނީބަސް ތައާރަފް ކުރުމުގެ ވައުދާއި ބެހޭ ގޮތުން މިނިސްޓަރ ނަހުލާ ވިދާޅުވީ މާލޭގައި މިނީ ބަސް ފެށުމަށް ބޭނުންވާ މިންވަރަށް އަދިވެސް ބަޖެޓު ހަމަނުޖެހޭކަމަށެވެ. މީގެ ކުރިން ވެސް ނަހުލާ ވަނީ އެ ހިދުމަތް ނުފެށި ލަސް ވަނީ ބަޖެޓް ނެތުމުންކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިނީ ބަހުގެ ހިދުމަތަކީ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރެއިން މިހާރު ނުފުއްދި އޮތް ހަމައެކަނި ވައުދުކަން ފާހަގަކުރައްވަމުން ނަހުލާ ވިދާޅުވީ މި ހިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. އެހެންނަމަވެސް އަދިވެސް ފަށައި ނުގަނެވިގެން އުޅެނީ ބަޖެޓުގައި ހުރި ތާށިތަކެއްގެ ސަބަބުންކަމަށް ނަހުލާ ވަނީ ވިދާލުވެފައެވެ،

މީގެ އިތުރުން ނަހުލާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް 16.9 މިލިއަން ރުފިޔާ ހަމަޖައްސައިފައިވީނަމަވެސް އެ އަދަދަކީ އެ ހިދުމަތް ފެށޭނެ ވަރަށް ވުރެ މާ ކުޑަ އަދަދެއްކަން ފާހަގަކުރައްވާފައެވެ. މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭރުގެ އެހީ ދޭ ޖަމާއަތްތަކުގެ އެހީ ހޯދުމަށް އެދި ފޮރިން މިނިސްޓްރީގައި ވެސް އެދިފައިވާނެ ކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ އެހެންނަމަވެސް މިހާތަނަށް އެކަމުގެ އެއްވެސް ކޮޅެއް ފެނިފައިނުވާ ކަމަށެވެ.