English Edition
Dhivehi Edition

ގދ. ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރއާ ހަވާލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވީނަމަވެސް، އެއްބަސްވުމުގައި ހިމެނޭ ފަޅުރަށެއް ހިމާޔަތްކޮށްފައި އޮތުމުން އަދިވެސް ވިލާ އެއަރ އާއި އެއަރޕޯޓް ހަވާލުނުކުރެވި އޮތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރ ނަހުލާ އަދި އެމިނިސްޓްރީގެ އިސްބޭފުޅުން ހާޒިރުކޮށް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ކޮމިޓީގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒުކުރުމަށްޓަކައި ރައީސް އޮފީސް، ފިނޭންސް މިނިސްޓްރީ، ޓުއަރިޒަމް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލްގެ އޮފީހަށް ލަފަޔަށް އެދިފައި ވާނެ ކަމަށެވެ.

ނަމަވެސް އެކަން ތަންފީޒް ކުރުމަށް ހުރަސް އެޅިފައި ވަނީ އެއަރޕޯޓްގެ އެއްބަސްވުމުގެ ދަށުން ކާޑެއްދޫ އާއި ކައިރީގައި އޮންނަ ފަޅު ރަށެއް ވިލާ އެއަރ އަށް ދިނުމަށް ބަޔާންކޮށްފައިވާތީ ކަމަށާއި، އެރަށަކީ މިހާރު ހިމާޔަތްކޮށްފައިވާ ރަށެއް ކަމުން އެއަރޕޯޓް އެއްބަސްވުމުގައިވާ ގޮތަށް އެރަށް ދޫކުރެވެން ނެތް ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ވިލާ އެއަރ އާއެކު ހަދާފައިވާ ގދ. ކާޑެއްދޫ އެއަރޕޯޓް އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ގައެވެ. ގދ. ކާޑެއްދޫ އެއަރޕޯޓް ތަރައްގީކޮށް ހިންގުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި ދެމެދު އެއްބަސްވީ 06 ނޮވެމްބަރ 2013 ވަނަ އަހަރު ލީސް އެގްރިމެންޓެއްގެ ދަށުން 50 އަހަރަށް އެ އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށެވެ.

ނަމަވެސް، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ 18 ޖެނުއަރީ 2017 ގައި އޭރުގެ ޓުއަރިޒަމް މިނިސްޓްރީން ފޮނުވި ސިޓީއަކަށް ކޮންޓްރެކްޓް ބާތިލުކޮށްފައި ވަނީ 22 ނޮވެމްބަރު 2018 ގައެވެ.