ހުވަދޫ ހޭޝްޓެގް އާއި އެކު ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކޮށްދީ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްގެ ރިޔާސީ ވައުދެއް ކަމަށް ބުނެފައި ސޯޝަލް މީޑިޔާއަށް ދޫކޮށްލައިފައިވާ ޕޯސްޓަކާއި ގުޅިގެން އޭއޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މަޑަވެލި ދަާއިރާ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ މުޅި ހުވަދޫގެ ތަރައްޤީ އާއި ކުރިއެރުން ގުޅިފައިވަނީ ކާޑެއްދޫ އެއަރޕޯޓަށް ކަމަށާއި ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކޮށްދޭން ޖެހޭ ކަމަށެވެ.
އޭއޯ ނިއުސްއަށް އިތުރަށް މައުަލޫމާތު ދެއްވަމުން މަޑަވެލި ދާއިރާ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވިސްނުންފުޅަކަށް ވެފައި ވަނީ ކާޑެއްދޫ އާއި ތިނަދޫ ގުޅާލާ، ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުން ކަމަށެވެ. އަދި ވެރިކަމުގެ ދައުރު ނިމޭއިރު އެއާރޕޯޓް ނިންމާލައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުންކަމުގައި ވެެއެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރާ ގާތްކުރާއިރު އެއާޕޯޓުގެ ވައުދު ނުފުދި އޮތުމުން ކްލަބު ހައުސް ފަދަ ޕްލެޓްފޯމް ތަކުގައި މިސަރުކާރަށް ދަނީ ފާޑުކިޔުމާއި އެކު ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުން ހުވަދޫ އަތޮޅަށް ލިބޭނެ ފައިދާ އާއި މެދު ރައްޔިތުން ވާހަކަ ދައްކާ ބަހުސް ކުރައްވަމުންނެވެ.
މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ވިލާ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓު ހަވާލު ކުރުންކަމަށެވެ. އެގޮތުން ހަވާލު ކުރުމުން މިހާރު ސަރުކާރަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ބަދަލު ދީފައި ސަރުކާރަށް އެއާޕޯޓު ނެގުމަށް ފަހު ތަރައްގީ ކުރުމެވެ. އަނެއްގޮތަކީ އެކުންފުންޏަށް އެއާޕޯޓު ތަރައްގީ ނުކުރެވިގެން ދޫކޮށްލުމުން ސަރުކާރަށް ނެގުމެވެ. މެމްބަރު ފިރުޝާން އިތުރަށް ވިދާޅުވީ ވިލާ ކުންފުނިން އެއާޕޯޓު އިންޓަނޭޝަނަލް ކުރެއްވޭނެ ކަމަށް އެނާގެ ޟަމީރު ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ވިލާ ކުންފުންޏާ ހަވާލުވެފައި އޮތް ދުވަސްތަކުގައިވެސް ރައްޔިތުންނަށް އެއްވެސް ޕްލޭނެއް ދެއްކިފައި ނެތުމެވެ. މެމްބަރު ފިރުޝާން ވިދާޅުވީ ރީޖަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނަމަވެސް ޕްލޭނެއް އޮންނަން ޖެހޭނެކަމަށެވެ. ފިރުޝާން ފާހަގަ ކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ތަފާތު ތަކެއް ހުރިކަމަށާއި އެހެން ކަމުން ވިލާ އާއި އެއަރޕޯޓް ހަވާލު ވެއްޖެނަމަ މުވައްޒަފުންނަށް ގެއްލުންތަކެއް އެބަހުރި ކަމަށެވެ. ރީޖަނަލް އެއަރޕޯޓް ކުންފުނިން މުވައްޒަފުންނަށް ދޭ މުސާރައާއި ކުރިން ވިލާ އިން އެއަރޕޯޓް ހިންގިއިރު މުއައްޒަފުންނަށް ދެވުނު މުސާރަ ތަފާތު ކަމެވެ. އަދި ވިލާއިން ކާޑެއްދޫ އެއަރޕޯޓް ހިންގި އިރުވެސް އަބަދުވެސް ފާހަގަވީ ސިޔާސީ މަސައްކަތް ކުރައްވާ ކަމަށާއި އިންތިހާބު ތަކާއި ދިމާކޮށް ވަކި މުވައްޒަފުން ތަކަކަށް ފައިދާ ވާހެން ރާޒުވާ ކުޅި ކުޅޭހެން ބަދަލުތައް ގެނައި ކަމަށެވެ.
ހުވަދޫ އަތޮޅުގެ ގިނަ ރައްޔިތުންގެ އަޑެކޭ އެއްގޮތަށް މެމްބަރު ފިރުޝާން ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓް ތަރައްޤީ ވުމަކީ ހުވަދޫ އަތޮޅުގެ މެމްބަރުން މަސައްކަތް ކުރައްވާ ކަމެއް ކަމަށާއި ހާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާގެ ވައުދު ފުއްދައި ދިނުމަށް އެދޭ ކަމަށެވެ. އަދި ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގެން ޖެހޭނީ ރީޖަނަލް އެއަރޕޯޓްސް ގެ ދަށުން ކަމަށެވެ. ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ހުވަދޫ އަތޮޅު ގުޅިލާމެހެން ޖެހޭ ކަމަށާއި ކާޑެއްދޫ އާއި ތިނަދޫވެސް ގުޅިލާމެހެން ޖެހޭ ކަމަށެވެ. އިތުރަށް ވިދާޅުވީ އިންޓަރނޭޝަނަލް މާރކެޓަށް ހުވަދޫ އަތޮޅު ހުޅުވަން ޖެހޭ ކަމަށެވެ. ރާއްޖޭގައި ޓުއަރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ފުރެން ދާއިރު ޓުއަރިޒަމް އިންޑަސްޓްރީ އަށް އެކަށީގެންވާ މަސައްކަތެއް ސަރުކާރުން އަދި ނުކުރެވޭ ކަމަށާއި ރައީސް ގެ ވައުދާއި އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމަށް މީ އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ.