English Edition
Dhivehi Edition
ވީއައިއޭގައި ކޮރޯނާވައިރަސް އަށް ފަސިންޖަރުން ސްކްރީންކުރުމަށް ބެހެއްޓިފައިވާ ތާމަލް ކެމެރާ - ފޮޓޯ: ޓްވިޓާ (އެޗްޕީއޭ)

ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި މިހާރު ވިސްނުން ގެންގުޅެނީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދަން ކަމަށް، އެޗްޕީއޭ އިން ބުނެފިއެވެ.

މިއަދު އެޗްޕީއޭއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮންމެ ހަފްތާއެއް ވެސް ނިމުމުން ހާލަތަށް ބަލައި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި އަދި މިހާރު ރައްޔިތުންގެ ހިޔާލު ހުރީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް ކަމަށެވެ.

އިތުރަށް ޑރ.އަފްޒަލް ވިދާޅުވީ އެޗްޕީއޭގެ ވިސްނުމަކީ އިގްތިސާދީ މަސައްކަތާއި ދިިރިހުރުމުގެ ކަންކަން ހުއްޓާލަން ނުޖެހޭ ގޮތަށް ފިޔަވަޅުތައް އެޅުން ކަމަށެވެ. ކޮވިޑްގެ ވަބާ ތިން ހަތަރު އަހަރަށް ދެމިގެން ދިޔަޔަސް އެ ހުރިހާ ދުވަހު އިމެޖެންސީ ހާލަތުގައި ނުތިބެވޭނެކަން ފާހަގަކޮށް ޑރ.އަފްޒަލް ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ގައުމީ އިގްތިސޯދު އަނބުރާ ގެންނަންޖެހޭ ކަމަށެވެ.

މާލެ ލޮކްޑައުން ކޮށްފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަޅާނެ ފިޔަވަޅެއް، ނާޅާނެ ކަމަށް ބުނެވޭކަށް ނޯންނާނެ ކަމަށެވެ.