ރާއްޖޭގެ އެކި ސަރަހައްދުތަކަށް ރެކޯޑު މިންވަރަކަށް ހޫނުގަދަވެފައިވާތީ، ހޫނުގެ ސަބަބުން ދިމާވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އަވީގައި ގިނަ ވަގުތު ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އަންގައިފިއެވެ.
މޫސުމީ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުކަމަށް އިހުސާސްކުރެވެނީ ވެރިރަށް މާލެ އާއި ހދ. ހަނިމާދޫގައެވެ. އެގޮތުން މާލޭގައި އިހުސާސްކުރެވޭ ހޫނުމިން 38.6 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، ހަނިމާދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްގައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ގަދަ ހޫނުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ވެސް ހަށިގަނޑަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ތެރޭގައި ލޯ ދުޅަވުމާއި، އާދަޔާ ހިލާފަށް ވަރުބަލިވުމާއި، ހަށިގަނޑުން ފެން މަދުވުމުގެ އިތުރުން މަސްތަކަށް ތަދުވުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަން ހިމެނޭކަމަށް އެ އެޖެންސީން ބުންޏެވެ.
މީގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި މައްސަލަތައް ކަމަށްވާ ހީޓް އެގްޒޯސްޝަން އަދި ހީޓް ސްޓްރޯކް ފަދަ ކަންކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި ހިތާއި ފުއްޕާމޭ ފަދަ ގުނަވަންތަކުގެ ބަލިތައް ތަހައްމަލުކުރާ މީހުންގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
މި ދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން މަތިވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ އިދާރާތަކުން އަންނަނީ ކެނޑިނޭޅި ހަނދާންކޮށްދެމުންނެވެ. އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ އަވީގައި ނުއުޅުމަށާއި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.