English Edition
Dhivehi Edition
އައިޖީއެމްއެޗް/ފޮޓޯ ޕީއެސްއެމް

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 199 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ ހަފުތާގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ.

މާލެ ސަރަހައްދުން ހިމަބިހީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ، ފުރަތަމަ ކޭސް ފެނުމާއެކުވެސް އެޗްޕީއޭއިން އަމަލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެއްގޮތަށެވެ. އެގޮތުން ބަލި މޮނީޓަރުކުރުމާއި، ބަލިޖެހިފައިވާ މީހުން ހޯދުމުގެ އިތުރުން ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މެއި އަދި ޖޫން މަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވިނަމަވެސް، ޖުލައި މަހުގެ މެދެހާހިސާބުން ފެށިގެން ބަލިޖެހޭ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ.

ބަލިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ހާއްސަ ވެކްސިން ދިނުމުގެ ހަރަކާތްތަކެއް ކުރިއަށްދާއިރު، މިހާތަނަށް 12،971 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެޗްޕީއޭއިން ބުނީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ދިނުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށްދާނެ ކަމަށެވެ.

ހިމަބިއްސަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއްކަމުން، އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމަށާއި، ހުމާއި ރޯގާގެ އަލާމާތްތައް ހުރެޖެހިއްޖެނަމަ އެކަހެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ހުމާއި ރޯގާގެ އަލާމާތްތަކާއެކު ގައިގައި ރަތްކުލައިގެ ހިމަ ބިހިތަކެއް ނަގާނަމަ، ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަކީ މުހިންމުކަމެކެވެ. ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކު ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

މިދުވަސްވަރަކީ ޗުއްޓީއަށްފަހު ގިނަ ބަޔަކު އެނބުރި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރަކަށްވާތީ، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ މީހުންގެ ތެރެއަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ސްކޫލް ކުދިންގެ ކިބައިން މިފަދަ އަލާމާތެއް ފެންނަނަމަ، ސްކޫލަށް ނުފޮނުވުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެންމެންގެ ރައްކާތެރިކަމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ.