English Edition
Dhivehi Edition
ހިމަބިހި

އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް) ޖެހި، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 186 އަށް އަރައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް އެންމެ ފުރަތަމަ ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި، ބަލިން ރައްކާތެރިވުމަށް ހިންގާ ހާއްސަ ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އަދި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ސެންޓަރަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ދިއުމުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ވެސް ވަކި ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ ހިދުމަތް ކުރިއަށްދާނެއެވެ.

އެޗްޕީއޭއިން އިތުރަށް އަނގައިފައިވަނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް މާސްކް އަޅައިގެން ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ. އަދި ބައްޔަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެގެން ތިބުމަށާއި ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އެދިފައެވެ.