English Edition
Dhivehi Edition
ހިމަބިހި

މިދިޔަ ހަފްތާގެ ތެރޭގައި ވެސް މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން ބުނީ އަލަށް ފެނުނު އެ ދެ ކޭސްއާ އެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް، މިފަހުން މި ބަލީގެ ކޭސްތައް ފެނި އިތުރުވަމުންދާތީ އެޗްޕީއޭއިން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފަހަރު ހާލަތު ގޯސްވީ ކުރިއާ ހިލާފަށް ގިނަ ދިވެހިންނަށް މި ބަލި ޖެހެމުންދާތީކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. ރާއްޖެއިން ހިމަބިހި ރަސްމީކޮށް ނައްތާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ހިމަބިހި ވެކްސިންގެ ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުން ހިމެނެއެވެ. އޭގެ އިތުރުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްދޭ މުވައްޒަފުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެސް އެޗްޕީއޭއިން އަންނަނީ ވެކްސިން ދެމުންނެވެ.

ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުމަކީ މި ބަލީގެ މައިގަނޑު އަލާމާތްތަކެވެ. އެހެންކަމުން ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އޮފީހުން ވަނީ ބުނެފައެވެ.