English Edition
Dhivehi Edition
ފޮޓޯ: ހިރާ ސްކޫލް

ހިރާ ސްކޫލަށް ލިބުނު އެވޯޑަކީ އައްޑޫސިޓީގެ އިތުރުން މުޅި ރާއްޖެވެސް ފަޚުރުވެރިވާ ފަދަ އެވޯޑެއްކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ޒައިދު ސަސްޓެއިނެބިލިޓީ ޕްރައިޒް އެވޯޑް ޙަފްލާގައި ލިބުނު ފަޚުރުވެރި އެވޯޑާއެކު އައްޑޫސިޓީ ޙިރާ ސްކޫލްގެ ޓީމު އައްޑޫސިޓީއަށް އެނބުރި ގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޙިރާ ސްކޫލްގެ ޓީމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރާއި، ޙިރާ ފައުންޑޭޝަންގެ އިސްވެރިންނާއި ސްކޫލްގެ މެނޭޖްމަންޓާއި، ބައެއް މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނެވެ.

ޙިރާ ޓީމާ ބައްދަލުކުރައްވައި މޭޔަރ ޢަލީ ނިޒާރު ވަނީ އެ ސްކޫލުން ހޯދަމުންދާ ކާމިޔާބީއަށްޓަކައި ސްކޫލްގެ ދަރިވަރުންނާއި މެނޭޖްމަންޓަށް މޭޔަރު މަރުޙަބާ ވިދާޅުވެފައެވެ. އަދި ޙިރާ ސްކޫލުން މި އެވޯޑް ޙާޞިލުކުރި ޕްރޮޖެކްޓް ތަންފީޒު ކުރުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ނިޒާރު ވަނީ ދެއްވާފައެވެ. މީގެ އިތުރުން ނިޒާރު ވިދާޅުވީ ހިރާ ސްކޫލަށް ލިބުނު އެވޯޑަކީ އައްޑޫސިޓީގެ އިތުރުން މުޅި ރާއްޖެވެސް ފަޚުރުވެރިވާ ފަދަ އެވޯޑެއްކަމަށެވެ

ހިރާ ސުކޫލުން ހުށަހަޅާފައިވަނީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެން ބޭނުން ކުރުމާގުޅޭ ޕްރޮޖެކްޓެކެވެ. ހިރާ ސްކޫލަށް މި އެވޯޑު ލިބިފައިވަނީ ދެކުނު އޭޝިޔާ ސަރަހާއްދުގެެ ގްލޯބަލް ހައި ސްކޫލު ކެޓަގެރީއިންނެވެ.