English Edition
Dhivehi Edition

ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސަމިޓު، ކޮޕް ސަމިޓުގައި ބައިވެރިވުމަށް އައްޑޫސިޓީގައި ހިންގަމުން އަންނަ ހިރާ ސްކޫލްގެ ދަރިވަރަކު މިއަދު މިސްރަށް ފުރައިފި އެވެ.

މިއަހަރު ހިރާ ސްކޫލަށް ލިބުނު “ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް” އާއެކު ފަހިވި މި ފުރުސަތުގައި ކޮޕް ސަމިޓުގައި އެ ސްކޫލުން ބައިވެރިވަނީ ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އައިޝާ ސާރާ އަހުމަދެވެ. ސަމިޓުގައި ބައިވެރިވާނެ ކުދިން ކަނޑައެޅީ ވެސް ޒައިދު ސަސްޓެއިނިބިލިޓީންނެވެ.

ކޮޕް ސަމިޓުގައި ސާރާ ތަމްސީލު ކުރާނީ ޒައިދު ސަސްޓެއިނިބިލިޓީ އެވޯޑެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑޮޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރުއަޅައި، މަޝްވަރާކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ބާއްވާ ސަމިޓެކެވެ. އެ ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކޮޕް27 ގެ ނަމުގައި ބާއްވާ ތިމާވެއްޓާ ބެހޭ ދުނިޔޭގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހު 18އަށް މިސްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމު އައްޝައިޚްގައެވެ.

ހިރާ ސްކޫލުން ބުނީ ތިމާވެށީގެ ބޮޑު ސަމިޓެއްގައި އެ ސްކޫލުގެ ދަރިވަރަކު ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.