English Edition
Dhivehi Edition
އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އާއި ރައީސް ބައްދަލުކުރެއްވުން

ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީ ދެއްވައިފިއެވެ.

އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ވަނީ ދިވެހިރާއްޖެއާ އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ، އަދި އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީތެރިކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާމެދު އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ވަނީ އެ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ގުޅޭގޮތުންނާއި ދެފަރާތުން ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއާ ޞިއްޙީ ދާއިރާ އަދި އިޤުތިޞާދާ ތަރައްޤީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.