English Edition
Dhivehi Edition
ހިރާ ސްކޫލު ހުންނަ ސަރަހައްދު / ފޮޓޯ: އަލީ

ހިރާ ސްކޫލުން މަސައްކަތް ކުރަމުން ގެންދަނީ ސްކޫލުގެ ކަންކަމުގައި ސިޔާސީ ފިކުރުތަކުން ދުރުވެ ސްކޫލު ހިންގުމަށް ކަމަށާ އެހެންނަމަވެސް ސްކޫލްގެ އަގު ވެއްޓިގެންދާ ފަދަގޮތަކަށް ސިޔާސީ ކުލަޖައްސައިގެން ހަބަރު ފެތުރިގެން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމުގައި އެ ސްކޫލުން ބުނެފިއެވެ،

ހިރާ ސްކޫލުން މިހެން ބުނީ އައްޑޫ ސިޓީގައި ހިންގާ ނޫހަކުން “ހިރާ ސްކޫލް ކުރިމަތީ އޮތް މަގު އައްޑޫ ކައުންސިލުން ވިއްކާލައިފިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެ” މި ނަމުގައި ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާ ވޯޑިއޯ އަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި އެ ސްކޫލުން ބުނީ ހިރަ ސްކޫލަކީ 2010 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކުން ގޭގައި ހިންގަމުން ދިޔަ ސްކޫލެއްކަމަށެވެ. މި ސްކޫލު ހިންގުމަށް ކުރެވުނު މަސައްކަތްތަކުން 2011 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލުން ސްކޫލަށް ބިމެއް ހަމަޖައްސައިދިން އިރު ހިރާ ސްކޫލުގެ ދާއިމީ އިމާރާތެއް އެޅިގެން ދިޔައީ 2019 ވަނަ އަހަރު ޖޫން މަހުގެ 30 ވަނަ ދުވަހުގައި ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ހިރާ ސްކޫލުގެ ބަޔާނުގައި ވަނީ ސްކޫލުގެ އިމާރާތް ބިނާ ކުރުމުގެ ކުރިން އަލިވާ މަގުން ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގު (ލިންކުރޯޑު) އާ ހަމައަށް އޮންނަ މަގަކީ ފުންވަޅުގަނޑުތަކެއް އޮންނަ، ބޯ ގަސްތަކެއް ހެދިފައި އޮތް ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ ބިން ސާފުކޮށް ސްކޫލް އެޅުމަށް ޓަކައި، ވެލި އަޅައި ބިން އެއްވަރު ކުރިއިރު، އެ ސަރަހައްދު ސާފުވެގެން ދިޔުމުން އަލިވާމަގުން ލިންކުރޯޑަށް ނިކުމެވޭ މަގެއްގެ ގޮތުގައި އެ މަގު އާންމު އުޅަނދުތަކާއި މީހުން ބޭނުން ކުރަން ފެށިކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ 2019 ވަނަ އަހަރު މި ސަރަހައްދު ބޭނުން ކުރާ ދުއްވާ އުޅަނދުތަކަށް އަލިވާ މަގުން ހިރާ ސްކޫލުގެ ކުރިމަތިން ލިންކް ރޯޑަށް ނިކުންނަ މަގު އެއްކޮށް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ. އަދި ސްކޫލަށް ދާ ފަރާތްތަކުން ބޭނުން ކުރަންވާނީ ހިރާ ސްކޫލުގެ މައި ގޭޓު ކުރިމަތިން އަމީނީ މަގާއި ގުޅޭ މަގު ކަމަށް ނިންމާ ޗާޓާއެކު ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ، ކައުންސިލްގެ މި ނިންމުމާ އެކު ބެރިކޭޑް ޖަހާ އެ މަގު ކުޑަދުވަސްކޮޅަކަށް ބަންދުކުރި ނަމަވެސް އެ ބެރިކޭޑްތައް ދުރުކޮށް އާންމު އުޅަނދުތަކުން އެ ދިމާލުން ލިންކް ރޯޑަށް ނިކުތުމަށާއި، އެ ސަރަހައްދަށް ވަނުމަށް ބޭނުން ކުރަމުން ދިޔައެވެ.

މި ބަޔާނުގައި އިތުރަށް ބުނީ ހިރާގެ ދަރިވަރުންނަށް ޤައުމީ މަންހަޖުގައި ހިމެނޭ ފިޒިކަލް އެޑިޔުކޭޝަންގެ ބައިތައް ކުރިއަށް ގެންދިޔުމަށް އައު އިމާރާތާއި އެކުވެސް ޖާގައިގެ ދަތިކަން ކުރިމަތިވެ ހިރާ ސްކޫލުގެ ކުރިމަތީ އޮތް ބިމުން ކުދިން ކުޅިވަރު ކުޅޭނެ ފަދަ ބިމެއް ހޯދުމަށް ކައުންސިލްގައި އެދިފައިވާނެ ކަމަށެވެ. އަދި ސްކޫލުގެ އެދުމަށް އިޖާބަދީ، އައްޑޫސިޓީ ކައުންސިލްގެ 2022 ވަނަ އަހަރުގެ 7 ވަނަ ރަސްމީ ޖަލްސާގައި ސްކޫލްގެ ކުރިމަތީގައި އޮތް ބިމުން 20،000 އަކަފޫޓު އެ ސްކޫލަށް ދިނުމަށް ނިންމިކަމަށްވެސް މި ބަޔާނުގައިވަނީ ބުނެފައެވެ.

އިތުރަށް މި ބަޔާނުގައި ބުނީ ބިން ދިން އިރު ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ރިއާޔަތްކޮށް، ބިމާއި ސްކޫލާ ދެމެދު އޮތް މަގު(2019 ވަނަ އަހަރު ބަނދު ކުރަން ނިންމާފައިވާ މަގު) ޑްރައިވިންގ ޓްރެކާއި އިސްކޫލްގެ ބިމާ ދެމެދަށް ބަދަލުކުރުމަށްފަހު ކައުންސިލުން މިހާރު ބިން ވަކިކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެ ބަޔާނުގައި ބުނީ ސްކޫލްގެ އަގު ވެއްޓިގެންދާ ފަދަގޮތަކަށް ސިޔާސީ ކުލަޖައްސައިގެން ހަބަރު ފެތުރިގެން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމުގައެވެ.