English Edition
Dhivehi Edition
ފަސްޓް ގްލޯބަލް ޗެލެންޖުގައި ބައިވެރިވާ ހިރާ ސްކޫލްގެ ދަރިވަރުން/ފޮޓޯ ހިރާ ސްކޫލް

ސިންގަޕޫރުގައި ބާއްވާ ފަސްޓް ގްލޯބަލް ޗެލެންޖް 2023 ގައި ބައިވެރިވުމަށް ހިރާ ސްކޫލްގެ 5 ދަރިވަރަކު ފުރައިފިއެވެ. މިއީ އޮކްޓޯބަރ 7 އިން 10 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖް 2023 ގައި ރާއްޖެއިން ބައިވެރިވާ ހަމައެކަނި ޓީމެވެ. ހިރާ ސްކޫލްގެ ދަރިވަރުންނަށް މި ފުރުސަތު ފަހި ވެގެންދިޔައީ “ވިމެން އިން ޓެކް މޯލްޑިވްސް އިން ހުޅުވާލި ފުރުސަތު ކާމިޔާބުކޮށް ގެންނެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން 120 ޓީމު ވާދަކުރުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ގައުމަކަށް ވެސް ދައުވަތު ދެނީ ވާދަކުރުމަށް ރޮބޮޓެއް އުފައްދައި ޕްރޮގްރާމް ކުރުމަށް ޓީމެއް ފޮނުވުމަށެވެ. މި ޗެލެންޖު ކުރިއަށްދާނީ ، ދުނިޔޭގައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ޒުވާނުންގެ ގާބިލްކަމާއި އުފެއްދުންތެރިކަމުގެ ތެރެއިން، ކުރެވިދާނެ ކަންތައްތައް ހޯދާ ބަލައި، ޓީމްތައް ގުޅިގެން އެފަދަ އީޖާދީ ވިސްނުމެއް އުފަންކުރުމުގެ މަގްސަދާއެކުގައެވެ.

ފަސްޓް ގްލޯބަލް ޗެލެންޖަކީ ކޮންމެ އަހަރަކު ވެސް ވަކި ގައުމެއްގައި ބާއްވާ އޮލިމްޕިކްސް ސްޓައިލްގެ، ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތެކެވެ. ސިންގަޕޫރުގައި ބާއްވާ ފަސްޓް ގްލޯބަލް ޗެލެންޖް 2023 ގައި ބުރާސްފަތި ދުވަހު ރާއްޖެއިން ފުރި ފަސް ދަރިވަރުން އެ ކުދިންގެ ދެ މެންޓަރުންނާއެކު ރާއްޖެ ތަމްސީލް ކުރާނެ އެވެ. “އިނޮވޭޓިން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ” ނުވަތަ ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި އީޖާދު ކުރުން” މި ޝިއާރުގެ ދަށުން ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޓީމްތަކުގެ ހުނަރުވެރިކަމާއި ޓީމްވޯކް މި ޗެލެންޖުގައި ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް ވިމެން އިން ޓެކް އިން މަޢުލޫމާތު ދެއްވައެވެ.

ފަސްޓް ގްލޯބަލް ޗެލެންޖުގައި ބައިވެރިވާ ރާއްޖޭގެ ޓީމަށް ވަނީ ރޮބޮޓް އާލާތް ހިމެނޭ ކިޓެއް ހަވާލުކޮށްފައެވެ. “ރެވް ޑުއޯ” ގެ ނަމުން ނަން ދީފައިވާ މި ކިޓްގެ ތަފާތު ކޮމްޕޯނަންޓްތައް ބޭނުންކޮށްގެން މުބާރާތުގައި ބޭނުންކުރާ ރޮބޮޓް އުފެއްދުމަށް މަގުފަހި ކޮށްދީފައިވެއެވެ. އެގޮތުން ހިރާ ސްކޫލްގެ ދަރިވަރުން ތައްޔާރު ކުރީ “ކަޅުއޮއްފުންމި” ކިޔާ ރޮބޮޓެކެވެ. ދަރިވަރުންވަނީ ޓްރާންސިޝަނަށް ބޭނުންވާ ފީޗާތައް ބިލްޑް ކޮށްފައިވާ ބްލޮކްސް ޕްރޮގްރާމިން ޓޫލް ހިމެނޭ އަމިއްލަ ކޮންޓްރޯލް ސިސްޓަމެއް، މި ރޮބޮޓް ފަންކްޝަން ކުރުމަށް ގާއިމް ކޮށްފައެވެ.

ޕްރޮޖެކްޓް ކަޅުއޮއްފުއްމި ގެ އެހީގައި އާއީޖާދުތަކާއެކު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭގެ ޓީމުގެ ހިތްވަރާއި ސާބިތުކަން ދައްކުވައިދޭނެއެވެ. ފަސްޓް ގްލޯބަލް ޗެލެންޖުގައި މީގެ ކުރިންވެސް ރާއްޖެވަނީ ބައިވެރިވެފައެވެ. 2018 ވަނަ އަހަރު މެކްސިކޯގައި ބޭއްވި އެ މުބާރާތުން ރާއްޖޭގެ ޓީމްވަނީ 2 ވަނަ ހޯދާފައެވެ.