English Edition
Dhivehi Edition

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވޭ ކަންކަން ހިނގަމުންދާތީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަ ބައި އިލެކްޝަންގެ ކެމްޕެއިން، އެކި ޕާޓީތަކުން ކުރަމުން އަންނައިރު އިންތިހާބުތަކާ ގުޅޭ ގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރުއަރާ ގިނަ ކަންކަން ފެންމަތިވެފައިވާކަމަށެވެ.

އެމްއާރުއެމް އިން ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކާއި ކެމްޕެއިން ކުރާ ފަރާތްތަކުންވެސް ރާއްޖޭގެ އިންތިހާބާ ބެހޭ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާނޭހެން ކެންޕެއިން ކުރުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ގޮވާލާފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ މި އިންތިހާބުގައި ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯ ނުލަނބައި، ގާނޫނުން ކަށަވަރުކޮށްދީފައިވާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރަން ޖެހޭ ކަމަށެވެ. އަދި ވޯޓު ދިނުމުގައި ވަގުތީ ގޮތުން ލިބޭ ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހުށަހަޅާ، އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގާބިލުކަން ހުރި ކެނޑިޑޭޓަކަށް ވޯޓު ދިނިނުން މުހިއްމުކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިތުރަށް އެމްއާރުއެމް އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތާ ގުޅުންނެތް ވައުދުވުމަކީވެސް ކެންޑިޑޭޓުން ކެމްޕެއިން ތެރޭގައި ކުރާ ކަންކަން ކަމަށާއި ނަތީޖާއަކަށް ވަނީ އިންތިހާބުގެ ނަތީޖާއާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދުމާއި ނާގާބިލު ފަރާތްތައް މަގާމުތަކަށް އިންތިހާބު ވުން ކަމަށެވެ.