ފާޙިޝް ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ސަރުކާރަށް ގޮވާލައިފިއެވެ.
އެ ޕާޓީން މިފަދައިން ގޮވާލީ ފާޙިޝް ޢަމަލުތައް ޕްރޮމޯޓްކޮށް، އެފަދަ ނުބައި ޢަމަލުތައް ދިވެހި މުޖްތަމަޢުގައި ފެތުރެމުންދާތީ ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނުގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިހާރަކަށް އައިސް، ފައިސާ ހޯދުމުގެ ނިޔަތުގައާއި އެހެނިހެން ގޮތް ގޮތުން، ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތައް ޕްރޮމޯޓުކޮށް، އެއްވެސް ޖެހިލުމެއް ނެތި އެފަދަ ނުބައި ޢަމަލުތަކަށް ހިތްވަރުދޭ މެސެޖުތައް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދިއުމީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާއި މެދު، ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ނޭޅި، މައްސަލަތައް ދިގުލައި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ޢަމަލުތައް ފްރޮމޯޓްކޮށް، އެފަދަ ފާޙިޝް ޢަމަލުތަކުގައި ބައިވެރިވާ މީހުންގެ މައްސަލަ، އެއްވެސް އިސްތިސްނާއެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ މުއްސަސާތަކުން، ވީހާވެސް އަވަހަކަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރްއެމް އިން ވަނީ ގޮވާލާފައެވެ.
“މިފަދަ ޢަމަލުތަކަކީ ދިވެހި މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި، މުޅި މުޖްތަމަޢު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ބިރުވެރި ކަންކަމެވެ. މާތް ވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު ކުޑަވެގެންދާނެ ކަންކަމެވެ.” އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން، އެފަދަ ފާޙިޝް ޢަމަލުތައް ހުއްޓުމަށްޓަކައި މުޅި މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި އެ ފާޓީން ދެކޭ ކަމަށް ވެސް އެމްއާރްއެމް އިން ވަނީ ބުނެފައެވެ.
އެމްއާރްއެމް އިން ބުނީ މިހާރަށްވުރެ ޒިންމާދާރުވެ، އެފަދަ ފާޙިޝް ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދިނުމަށާއި، އެފަދަ ކަންކަން ރާވައި ހިންގުމަށް ހިތްވަރުދީ މީސްމީޑިއާގައި މެސެޖުތައް ދައުރުކުރާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅުމަށެވެ. އަދި ފާޙިޝް ޢަމަލުތައް ހިންގުމުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅުމަށް، އެމްއާރްއެމް އިން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ތަކުރާރުކޮށް ގޮވާލާފައެވެ.