އެމްއާރްއެމް ސޮލެޓެއްގައި ހުންނެވި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒަބީހް މަގާމުން ވަކި ކުރީ ކޯލިޝަނުގެ އެއްބަސްވުމާ ހިލާފަށް ކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.
އޭނާ މަގާމުން ވަކިކޮށް ރައިސް އޮފީހުން އަންގާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ.
ޒަބީހް ވަކިކުރުމާ ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނުގައިވަނީ ޒަބީހަކީ ތައުލީމީ އަދި ގާބިލް ބޭފުޅެއް ކަމަށެވެ. އަދި ޒަބީހު އާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އަދާކޮށްފައިވާ ބޭފުޅެއްކަމުގައި އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އެމްއާރްއެމްގެ ވިސްނުމަކީ ތައުލީމީ ގާބިލްކަން ހުންނަ ޒުވާނުންނަށް އިސްކަން ދިނުން ކަމަށާއި އޭނާ މަގާމުން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މަގާމުން ވަކި ކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ޔަގީންކޮށް ދެމުން އެމްއާރްއެމް އިން ބުނީ ޒަބީހު މަގާމުން ވަކި ކުރި ސީދާ ސަބަބެއް އެ ޕާޓިއަށް އަންގާފައި ނުވާކަމަށާ އެ ޕާޓީ އާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާވެސް ކޮށްފައި ނުވާކަމަށެވެ.