English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިމުން ފާހަގަކުރުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްއާރުއެމް)

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ދައުވާ ނުކުރުމަށް ނިންމުމަކީ އިންސާފު ލިބުމުގެ ފުރުސަތު ގެއްލިގެން ދިއުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދަށް ކުރި ދައުވާތައް އަނބުރާ ގެންދިޔުމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައެވެ.

އެ ބަޔާނުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން 15 މީހެއްގެ ބަޔާން ނަގައި، ފުލުހުންގެ ފަރާތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލާގައި ދަޢުވާ ކުރުމަށް ފޮނުވާފައިވާކަން ފާހަގަކޮށްފައިވެއެވެ.

“ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމާއި، ހުއްދަ ނޫން ޖިންސީ މުއާމަލާތްތައް ހިންގުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.” ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުންތައް ސިއްރުކުރުމާއި ގުޅޭގޮތުން، ކްރިމިނަލް ކޯޓުން ބުނެފައިވަނީ، މައްސަލައިގެ ބާވަތުން އެ އަޑުއެހުންތަކަކީ ސިއްރުކުރެވިފައިވާ އަޑުއެހުންތަކެއް ކަމަށާއި ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް، ތަހުގީގުކުރެވި މި މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބަޔާންކޮށް، ޕީޖީ އޮފީހަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ސިޓީއެއް ވެސް ފޮނުވާފައިވާކަން ފާހަގަކޮށްފައި ވެއެވެ.

އެމްއާރްއެމްގެ ބަޔާނުގައި ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ސީރިއަސް ތުޙުމަތު ތަކެއްކޮށް، ތަހުޤީގް ކުރެވި މިމައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުޤީގަށް ބަޔާން ދީފައިވާ މީހުން، އެމައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ދިޔައީ ސިޓީ ފޮނުވަމުން ކަމަށާއި އެހެންވެ މައްސަލަ އަލުން މުރާޖައާ ކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތަށާއި ޕީޖީ އޮފީހަށް ފޮނުވަމުން އައި ސިޓީތަކާ ގުޅިގެން ޕީޖީ އޮފީހުން، އެފަރާތްތަކާއި ބައްދަލުކޮށް މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދެކޭގޮތް ސާފުކޮށްފައި ކަމަށް ޕީޖީގެ ބަޔާނުގައިވާ ކަމަށާއި އެމީހުންގެ ހެކިބަހާއި ނުލައި މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލައި ދިރާސާ ކުރިއިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި، އެއާއި ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް ފެނުމުން، އެ މައްސަލައިގެ ދައުވާތައް ޕީ.ޖީ އޮފީހުން ވަނީ 6 ޖޫން 2023 ގައި އަނބުރާ ފޮނުވާލާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީޢަތުގެ މަރުޙަލާ ދިގުލައިގެން ދިއުމަކީ، އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށްބޮޑަށް ފިއްތުންތައް ކުރިމަތިވެ، މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާކަމެއް ކަމަށާއި އެންމެފަހުން ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދަނީކަން އެމްއެމްއާރްއެމް އިން ބުންޏެވެ. އަދި އިންސާފު ހޯދުމަށްކުރާ މަސައްކަތުގައި ޝަރީޢަތުގެ މަރުޙަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެއް ކަމުގައި ވެސް ބުންޏެވެ.

އަނިޔާ އާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ޤާނޫނާއި ޤަވާއިދުތައް ހެދިފައި ވީނަމަވެސް އެބާވަތުގެ އަމަލުތަކުގެ ޝިކާރައަށް ވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކު ކަމަށާއި އަދި މަދު ފަހަރަކު ޝަރީޢަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ޤާނޫނާއި ޤަވާއިދުތައް ހެދުމަކީ އެއްވެސް މަޤްޞަދެއް ހާސިލުވާ ކަމެއް ކަމަކަށް ނުފެންނަ ކަމަށް ވެސް އެމްއާރްއެމްގެ ބަޔާނުގައި ބުންޏެވެ.

ހަމަމިއާއެކު މިފަދަ މައްސަލަތަކުގައި އާއްމުކޮށް ކަންހިނގާގޮތަށް ބަލާއިރު، ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން، ދަޢުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައިވާ ކަމަށާއި މި މައްސަލާގައި ވެސް އެގޮތައް ކަންހިނގާފައިވުން އެކަށީގެންވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މިމައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ނުލިބުނުކަން ފާހަގަކޮށްފައި ވެއެވެ.

ދައުވާ އަނބުރާ ގެންގޮސް، އަނިޔާ ލިބުނު ވިކްޓިމްސަށް އިންސާފު ލިބުމުގެ ފުރުޞަތު ގެއްލިގެން ދިއުމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިމައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެތި ކުށްތައް މަދުކޮށް ހުއްޓުވުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެފަދަ ޢަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމެކަމަކާއި، އެފަދަ ޢަމަލުތައްކުރާ މީހުންނަށް ލިބުނު އިތުރު ހިތްވަރެއް ކަމުގައި ވެސް ދެކޭ ކަމަށް ބުންޏެވެ.

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އިންސާފު ލިބުމުގައި ޚާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމް.އާރް.އެމް އިން ވަނީ ގޮވާލާފައެވެ.