English Edition
Dhivehi Edition

މި ސަރުކާރުގެ ތަސައްވުރަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އައްޑޫ ސިޓީގައި ބިނާކުރާ ސައުތު ރީޖަނަލް ހެޑް އޮފީހުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ އައްޑޫ ސިޓީއާއި މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ވަރަށް ވަރުގަދަ ތަސައްވުރެއް ކަމަށެވެ. އަދި އައްޑޫ ރީޖަނަލް ހެޑް އޮފީހުގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓުގެ ޚިދުމަތް ލިބިގަންނަ އެންމެހާ ވިޔަފާރިވެރިންގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ މި އޮފީސް ހުޅުވިގެންދިޔުމާއެކު ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެކަމަށެވެ.އަދި އަނބިދަރިން ކައިރީގައި ތިބެގެން، ވަޒީފާ އަދާކޮށް، ފުދުންތެރި “ޖަޒީރާ” ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.،

މީގެ އިތުރުން މާރިޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނާއި ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ބަނދަރުތަކުގައި އިމްޕޯޓް އެކްސްޕޯޓުގެ މަސައްކަތް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.