English Edition
Dhivehi Edition
މާރިޔާ

ޕާކިން ސްޓިކާ މައާފުކޮށްދެއްވަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ އެއްވެސް ވިސްނުންތެރިކަމެއް، ސިޔާސަތެއް ނެތި ކުއްލިއަކަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ތަރުޖަމާނުގެ ހައިސިއްޔަތުން މާރިޔާ ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަބަދުވެސް ޑރ.މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މާރިޔާ ވަނީ ޑރ. މުއިއްޒުގެ ބޭނުމަކީ މާލެ މިހާރަށް ވުރެން ވެސް ބޮޑަށް ތޮއްޖައްސުން ކަމަށް ވިދާޅުވެފައެވެ.

ށ. ފުނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ޕާކިން ސްޓިކާ މައާފުކޮށްދެއްވާނެކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކައަށް ރައްދު ދެމުން މާރިޔާ ވިދާޅުވީ ޕާކިންއަށް ތަނެއް އޮތް ނަމަ މުއިއްޒު ވަނީ ސިޓީ ކައުންސިލް މެދުވެރިކޮށް ބޮޑު އަގުގައި ވިއްކާލާފައި ކަމަށާ އާއްމު ރައްޔިތަކު ޕާކުކުރާނެ އެއްވެސް ޖާގައެއް މާލޭގައި ނެތް ކަމަށެވެ.

މީގ އިތުރުން މާރިޔާ ވިދާޅުވީ ޑރ.މުއިއްޒުގެ އެއްވެސް ޑިސިޕްލިންޑް ސޮސައިޓީއެއް އުފެއްދުމަށްޓަކައި ކުރާނެ އެއްވެސް ކަމެއްގެ ވިސްނުމެއް ނެތްކަމަށާ މުއިއްޒުގެ ވައުދާއެކު ކުރިއަށް އޮތް ދެ މަސްދުވަހު މަގުމެދުގައިވެސް ޕާކުކުރަން ވީ ކަމަށެވެ.

ކުރިއަށް އޮތް ދެމަސްދުވަހާ ބައިވަންދެން ހުރިހާ ޒުވާނުން ހުރިހާ ދުވަސްވީ މީހުން އެންމެން ނުކުމެ މަޖީދީ މަގުގެ މެދުގައި ވެސް ޕާކުކުރަންވީ. ކީއްވެތޯ ނުކުރާންވީ، އެއޮތީ ބުނެފައި ހުރިހާ ޕާކިން ފައިނެއް ތިމަންނާ މާފްކޮށްދެއްވާނަމޭ. އެހެންވީމަ ވަކި ތަނެއް ނޯންނާނެއެއްނު ޕާކުކުރަން،” މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މާރިޔާ ވަނީ މުއިއްޒުގެ އެ ވައުދަކީ ކެމްޕެއިނަށް ފައިކުރަން ވީ ވައުދެއްކަމަށް ތުހުމަތުކުރައްވާފައެވެ.