English Edition
Dhivehi Edition
މަސްތިވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް - ފައިލް ފޮޓޯ

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 2024 ޖަނަވަރީ 02 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ.

އެގޮތުން ބަލާފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.132 ކިލޯގްރާމް ހުއްޓެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި އަދި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި، 20 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.