ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 11.62 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއްވައެވެ.
ކަސްޓަމްސް އިން ވިދާޅުވީ އޮގަސްޓް 14 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 680 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 960,000.00 (ނުވަ ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، 2024 އޮގަސްޓް 19 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroine) އަދި ކެނެބިސް (Cannabis) އަށް ވަނީ ޕޮޒިޓިވްވެފައިވާކަމަށާއި ހެރޮއިން އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 740 ގްރާމް އަދި ކެނެބިސް އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 10,200 ގްރާމް ހުރި ކަމަށް އެ އިދާރާއިން ބުނެއެވެ.
މިތަކެތީގެ މަގުމަތީ އަގަކީ 8,900,000.00 (އަށް މިލިއަން ނުވަލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.