ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއިގެ ބައި އިލެކްޝަންގައި އަދާލަތު ޕާޓީން ތާއިދު ކުރާ ކެންޑިޑޭޓެއް ކަނޑައަޅަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
އަންނަ ފެބްރުއަރީ މަހު ބާއްވާ މި އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް އެވެ.
އަދާލަތު ޕާޓީން މި އިންތިޚާބުގައި ތާއީދު ކުރާނެ ކެންޑިޑޭޓަކު ނިންމަން ބާއްވާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާއިރު، އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ފާޅުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުނުކުރާކަމަށް ބުނެފައެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތުން މިހާތަނަށް އެއްވެސް ކެންޑިޑޭޓަކަށް ތާއިދުކުރާކަން ހާމަކޮށްފައި ނުވިނަމަވެސް އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީ ގެންދަވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ،