English Edition
Dhivehi Edition
ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިން ށ އަތޮޅުގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށާއި، އިންތިހާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފަހަތުގައި ހުންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާނު ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ކެމްޕޭނަށް ށ. ފޭދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ށ. ފޭދޫ ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަކީ ވަރަށް ބުރަ އަދި ވަރަށް “ނުބައި” މަގާމެއް ކަމަށެވެ. އަދި މިހާރު އެމަނިކުފާނަށް ރައީސްކަމާއި، މަޖިލީހުގެ ރައީސްކަމުގެ އިތުރުން އިންޓަނޭޝަނަލް ޖަމާއަތެއްގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރެވިއްޖެ ކަމަށާއި، ދެން ފުރުސަތު ދޭންވީ ހަގު ޖީލަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް މިހާރު ލިބިދީފައިވާ ބޮޑެތި ބާރުތަކަކީ ގައުމުގެ ތަރައްގީއަށް މަގުފަހިވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރާއި ދައުލަތް ވަކިކޮށް، ރަށްރަށަށް މަރުކަޒީ ބާރުތައް ލާމަރުކަޒު ކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.