އަދާލަތު ޕާޓީގެ މަޖިލީސްތަކުގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތަކަށް އެންމެން ވެސް އިހުތިރާމު ކުރަންޖެހޭނެ ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހާއި އިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައިވަނީ، ވެރިކަން ކުރާ ޕީއެންސީއާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެން އެ ޕާޓީގެ ބައެއް މެންބަރުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އިޔާޒް ވިދާޅުވީ، އަދާލަތު ޕާޓީގެ އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަމުން އަންނަނީ މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން، މެންބަރުންގެ ހިޔާލާއި މަޖިލީސްތަކުގެ އަޣުލަބިއްޔަތުން ކަމަށެވެ. އަދި ކޮންމެ ކަމަކީ އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެ ކަމަށާއި، އަޣުލަބިއްޔަތުން ކަމެއް ނިންމުމުން އެކަމަކަށް އިހުތިރާމު ކުރަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދީނާއި ގައުމުގެ ހައްގުގައި ބަސްބުނެ އަމަލު ކުރަން ޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއް ނެތި އަދާލަތު ޕާޓީ ބަދަހިކަމާއެކު ދެމިއޮންނާނެ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އުސޫލުމަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީގު މާތްﷲ މިންވަރު ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއެކު، ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކޭތީ، ޕީއެންސީއާއެކު ކުރިއަށް ދިއުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމާފައެވެ.