ފިތުނަ ފަސާދަ އުފެއްދުމަކީ ގައުމަށް އިހްލާސްތެރިވުން ނުވަތަ ގައުމަށް ވަފާތެރިވުމެއް ނޫން ކަމަށާއި، ރައްޔިތުން މިއަދު ބޭނުންވަނީ ތަރައްގީ އާއި ހަމަޖެހުމާއި ރައްކާތެރިކަން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީއެންސީން އަބަދުވެސް އިސްކުރާނީ ދިވެހި ގައުމެވެ. އެހެންކަމުން، ހުއްޓި ތިބެގެން ނުވަތަ ގައުމީ މަސްލަހަތު ފަހަތަށް ޖައްސާލައިގެން ބޭކާރު ވަގުތުތައް ހޭދަކުރެވެން ނެތް ކަމަށާއި، ގައުމަށް ތެދުވެރިވާ ނަމަ ހައްގު ބަސް ބުނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެކަނި ދުލުން ގައުމާއި ދީނަށްޓަކައޭ ބުނުމަކުން ނުފުދޭ ކަމަށާއި، ގައުމީ މަސްލަހަތު ކުރިއަށް ނެރޭ ނަމަ ގައުމަށް އެންމެ ފައިދާހުރި ގޮތަށް އިސްކަންދޭން ޖެހޭ ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން. އަޅުގަނޑުމެންނާ މަތިވެފައި އޮތް މަސްއޫލިއްޔަތަށް ރައްކާތެރިވާން. އަމާނާތަށް ތެދުވެރިވާން. މިކަން ކުރެވޭނީ އިހްލާސްތެރި ނިޔަތަކާ އެކީގައި މަސައްކަތްކޮށްގެން. އެއީ މާދަމާއަށްޓަކައި އަމިއްލަ އެދުން ނެރެގެން ކުރެވޭނެ ކަމެއް ނޫން. އަމިއްލަ އެދުން އެބަޖެހޭ ފަސްކޮށްލަން،” އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ދިވެހި ޒުވާނުންނާއި ހަރުމީހުން އަދި މުޅި ދިވެހިންގެ މާދަމާއަށް އޮތް ހަމައެކަނި ފުރުސަތަކީ ޕީއެންސީގެ ސަރުކާރަށާއި ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ދިނުން ކަމަށެވެ. އަދި އެ ނޫން އެހެން މަގެއް ރައްޔިތުންގެ ކުރިމަތީގައި މިހާރު ނެތް ކަމަށް ވިދާޅުވެ، ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރިޔާސީ ދެވަނަ ދައުރު ކަށަވަރު ކުރައްވާ ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް ހެދުމަކީ މުހިންމު ކަމެއް ކަމުގައި ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތަކުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ދަންމަވާލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވުމާއި، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ހާރިޖީ ގުޅުންތައް ގާއިމް ކުރެއްވުން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދާހިލީ ހަމަޖެހުމާއި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވައި އަދުލުވެރިކަން ކުރިއަށް ނެރުއްވާތީ އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.