English Edition
Dhivehi Edition
ރައީސް ނަޝީދު އައްޑޫއަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ލުބްނާ އޭއޯ ނިއުސް

“މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ” މަޝްރޫއުގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ހިންގާ ހަރަކާތުގައި ބައިވެރިވާތީ، ކުރީގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދަން އުފެއްދި ޕާޓީއެއް ކަމަށާއި، އެއީ ތަފާތު ސަގާފަތްތަކަށް ޖާގަދޭ މިނިވަން ވިސްނުމުގެ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީ ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމަށާއި ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

“ޓަކާ ޓަކާ ގޮވައިގެން، އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް،” އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާ ފަރާތްތަކަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރާއިރު ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބިމާއި ގެދޮރު މާލޭގެ އިތުރުން ސްރީ ލަންކާގައި ވެސް އެބަހުރި ކަމަށެވެ. އަދި އެ ގޮތަށް މަސައްކަތް ކުރަނީ އެ އާއިލާތަކުގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ތިއްބާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ އެ މަޝްރޫއަކީ ރާއްޖޭގައި ގައިރުދީންތަކުގެ މީހުން ވަޒަންވެރިކުރުވަން ހިންގަން އުޅޭ މަޝްރޫއެއް ކަމަށް ސިފަކޮށް، އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީން ދަނީ ބައިވެރިވަމުންނެވެ. ނަމަވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު އެ މަޝްރޫއަށް ތާއީދުކުރައްވާ ކަމަށެވެ.