އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފި އެވެ.
މިރޭ އޭޑީކޭ ހޮސްޕިޓަލުން ބުނީ ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
މި ގޮތުން ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މާދަމާއިން ފެށިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އެހީތެރިންގެ ގޮތުގައިވެސް ދެން މަޑުކުރެވޭނީ އެންމެ މީހަކަށްކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ، އަދި މަޑުކުރާ މީހާއަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހޭކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން އޭޑީކޭއިން ވަނީ ކޮންމެހެން އަންނަންޖެހޭ ހާލަތެއްގައި ނޫނީ އެ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާޒުކޮށްފައެވެ. އަދި ސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް އެކަނި އައުމަށް އިލްތިމާޒުކޮށްފައިވާއިރު އެހީތެރިއެއްގެ ގޮތުގައިވެސް އެކަކަށް ވުރެ ގިނައިން ނުގެނައުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާޒުކޮށްފައެވެ.