މައެއްގެ ލޯތްބަކީ ހުރިހައި ދަރިންނަށްވެސް އެންމެ މުހިންމު އެއް ލޯތްބެވެ. މަޔަކު އޭނާގެ އުމުރު ހުސްކުރަނީ ދަރީންގެ ކަންކަމުގައެވެ. ގދ. ގައްދޫއަށް އުފަން އުމުރުން 45 އަހަރުގެ ފަޟީލާ މަނިކެ (ދަނޑިކޮށިގެ) އަކީ އޭނާގެ ދަރިން ބެލުމުގައި ވަޒީފާ އަކަށް ނުގޮސް މަންމަ އެއްގެ ޒިންމާ އަދާކުރަމުން އައި މީހެކެވެ. ފަޟީލާގެ ފިރިމީހާ އަކީ މަހަށްދާ މީހަކަށްވާތީ އޭނާ ގޭގެ ހުރިހާ ޒިންމާއެއް ނަގަމުން ދަރިންގެ ކަންތައް ކުރަމުން ގެންދިޔައީ ވަރުބަލި ކަމެއްނެތިއެވެ.
ފަޟީގެ ދޮށީދަރިފުޅު ލަހުފާ އޭއޯ ނިއުސް އަށް މަންމަގެ ހާލާތާ ބެހޭގޮތުން މައުލޫމާތު ދެމުން ބުނީ، މަންމަ އަކީ ދޭތެރެ ދޭތެރެއިން ބޮލުގައި ރިއްސާތީ އުޅޭ މީހެއް ކަމަށެވެ. އެހެން ނަމަވެސް އޭނާގެ މަންމަގެ ހާލަތު ކުއްލިއަކަށް ގޯސްވީ ކަމަށެވެ. މަންމަ ފަޟީލާގެ ބޮލުގެ ރިހުމަކީ އާދައިގެ ރިހުމެއް ނޫންކަން އެނގުނީ ކުއްލިއަކަށް ކަމަށް ލަހުފާ ބުންޏެވެ. ފަޟީލާގެ ހަޔާތުން ދުވަހެކެވެ. އެއްދުވަހަކު މަންމަ ވެއްޓުނީއެވެ. އޭޑީކޭ ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން މަންމަގެ ބަލި ދަނެގަނެވިފައިވަނީ މި މަހުގެ 8ވަނަ ދުވަހުއެވެ.
ފަޟީލާގެ ހާލަތު ގޯސްކަން އެހާހިސާބުން އެނގުމާއެކު ޑޮކްޓަރަށް ދެއްކުމުން އެނގުނީ ފަޟީލާގެ ބޮލުގައި ބޮޑު ޓިއުމަރެއް އުފެދިފައިވާކަމެވެ. އަދި ޑޮކްޓަރުން ވިދާޅުވާ ގޮތުން އެޓިއުމަރ ބޮލުގައި އުފެދިފައިވާތާ 15 އަހަރު ވެދާނެ ކަމަށް ލަހުފާ ބުނެޏެވެ. އެ ޓިއުމަރު ޓެނިސް ބޯޅައަކާއި އެއްވަރުވެފައިވާ ކަމަށާއިއޭގައި ގާތްގަޑަކަށް ހަ ސެންޓް މީޓަރު ހުންނާނެ ކަމަށްވެސް ޑޮކްޓަރު ބުނެފައިވާކަމަށް ފަޒީލާގެ ދަރިފުޅު ބުންޏެވެ.
ފަޟީލާ އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށެވެ. އޭގެފަހުން އޭޑީކޭ އަށްބަދަލުކޮށް މިހާރު އޭޑީކޭގައި ފަރުވާ ދެމުންގެންދާއިރު މަންމަ އޮތީ ހުއްޓިފައި ކަމަށް ލަހުފާ ބުންޏެވެ. އެ މަންމަގެ އެއްވެސް ހަރަކާތެއް ނެތްއިރު ވާހަކަވެސް ނުދެއްކޭ ކަމަށް ލަހުފާ ބުނެއެވެ.
ފަޟީލާ އޭޑީކޭ އަށް ގެންދިޔުމަށްފަހު ކުއްލިއަކަށް ނޭފަތުން ލޭއައިސް ހާލު ދެރަވެގެން މިމަހު 12ވަނަ ދުވަހު ވަނީ އެމަޖެންސީކޮށް އޮޕްރޭޝަނެއް ކޮށްފައެވެ. އޮޕްރޭޝަނަށްފަހު ފަޟީލާ ހޭނާރާ އޮތް އިރު ކޮވިޑަށް ޕޮޒިޓިވް މުމާއި ގުޅިގެން އައިސޮލޭޝަން ރޫމެއްގައި ބާއްވާފައި ވަތީ އެރޫމަށް ދުވާލަކަށް 4000ރ ދައްކަން ޖެހޭކަމަށް ލަހުފާ ބުންޏެވެ. އެހެން ނަމަވެސް އޭޑީކޭގެ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން އައިސީޔޫގެ ރޭޓް 1600ރ އާއެއްވަރަށް އައިސޮލޭޝަން ރޫމްގެ ކުލި ކުޑަކޮށް ދެވޭތޯ މަސައްކަތް ކުރާނެކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ވެސް ލަހުފާ ބުންޏެވެ.
އަދި މަންމަ ގެ ދެވަނަ އޮޕްރޭޝަން ކޮށް ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް ހޮސްޕިޓަލަށް ދައްކަންޖެހޭނެ ފައިސާގެ އަދަދު ނޭގޭތީ އޭނާ އެކަމާ ގޮތްހުސްވެފައިވާ ކަމަށް ލަހުފާ ބުންޏެވެ. މަންމަ ހޮސްޕިޓަލްގައި ބާއްވައިގެން ތިބޭތާ ހަފްތާއެއް ވެފައިވާއިރު އޮޕްރޭޝަންކޮށް ނިމިގެން ހޮސްޕިޓަލުން ދޫކުރަން ނަގާނީ ކިތައް ދުވަސްކަމެއް ނޭނގޭ ކަމަށް ލަހުފާ ބުންޏެވެ. “މިވަގުތު ވެސް ދަނީ އިތުރު ސްކޭންތައް ކުރަމުން ، ދެވަނަ އޮޕްރޭޝަނަށްފަހު ވެސް ޓިއުމަރ އެއްކޮށް ނެގޭނެ ކަމެއްނޭނގޭ. މިހާރު ކޮންމެވެސް ވަރެއް ނަގާފައި ނެގިބައި ވަނީ ޓެސްޓު ކުރަން ރާއްޖެއިން ބޭރަށް ފޮނުވާފައި. އޭޑީކޭ ރޫމްޗާރޖް އަދި ކެނޓީން ޗާރޖް އާސަންދައިން ކަވާ ނުކުރާއިރު އޮޕްރޭޝަންގެ ބައިތަކަށް ކަވާކުރި ނަމަވެސް އޮޕްރޭޝަނަށް އަޅުގަނޑު މެންގެ އަތުން ފައިސާ ދައްކަންޖެހޭނެ އަދަދެއް އަންދާޒާ ކުރަންވެސް ނޭނގޭ” ލަހުފާ ބުންޏެވެ.
ފަޟީލާގެ 5 ދަރިން ތިބި އިރު ދޮށްޓަށް ތިބި 3 ދަރިންނަކީ ވެސް ފުދިގެން އުޅޭ ފޯރާބައެއް ނޫނެވެ. އޭނާގެ ހަނގު ދެކުދިންނަކީ ލޭއަޅާ ދެކުދިންނެވެ. ފަޟީލާގެ 5 ދަރިން މިވަގުތު މާލެއައިސް ތިބީ މަންމަ އޮޕްރޭޝަން ކުރުމުގެ ކުރިން އޭނާ ދެކިލުމަށް ދަރިން އައުމަށް ވަސިއްޔަތް ކޮށްގެންނެވެ. މާލޭގައިވެސް އެކިއެކި މީހުންގެ އެހީގައި އެކިކުދިން އުޅެނީ އެކިއެކި ގޭގޭގައި ކަމަށް ލަހުފާބުނެއެވެ.
އޭޑީކޭ ޑޮކްޓަރުން ބުނާގޮތުގައި ފަޟީލާ އަށް ޖެހިފައިވާ ބައްޔަކީ މެނިންޖިއޯމާއެވެ. މިއީ ބޮލުގައި އުފެދޭ ޓިއުމަރެކެވެ. އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނާގޮތުގައި ފަޟީލާގެ ބޮލުގައި އިން ޓިއުމަރ ބޮޑުވެފައި އޮޕްރޭޝަނަށް ފަހުވެސް އޭގެ ސަބަބުން ފަޟީލާގެ އާންމު ހާލަތާ އެއްގޮތަށް ނޫޅެވިދާނެކަމަށެވެ. އެގޮތުން އޮޕްރޭޝަން ކާމިޔާބު ވިކަމުގައި ވިޔަސް ލޮލުގެ ފެނުމާއި، ވާހަކަ ދެއްކުމާއި، ހަށިގަނޑުގެ ގުނަވަންތައް އައްސިވުން ފަދަ އުނދަގޫތަކެއް މަންމަ އުފުލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ލަހުފާ ބުންޏެވެ.
ފަޟީލާގެ ދޮށްޓަށް ތިބި ދަރިން ފިޔަފައި ހަނގު ދެކުދިން ވެސް އެދެނީ މަންމަ ބަލިން ފަސޭހަވެ އެކުދިންނާ އެކު އުޅޭތަން ދެކޭށެވެ.
ފަޟީލާ މިވަގުތު ބޭނުންވަނީ ފައިސާގެއެހީ އަކަށެވެ. ފައިސާގެ އެހީ ދެވެން ނެތް ފަރާތްތަކުން ފަޟީލާއަށް ހެޔޮ ދުއާ ކޮށް ދިނުމަށް އޭނާގެ ދަރިން އެދެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް: