English Edition
Dhivehi Edition

އައްޑު ސިޓި މަރަދޫގައި ގާއިމްކުރާ ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މިއަދު ބޭއްވި ބިންގާ އެޅުމުގެ ރަސްމިއްޔާޓުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ގެ އިތުރުން އެ ސިޓީގެ ބައެއް މަޖިލީސް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ،

މި ރަސްމިއްޔާތުގައި ކަސްޓަމްސް ސައުތު ރީޖަނަލް ހެޑް އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު އެވެ.

ކަސްޓަމްސް އަށް މަރަދޫ ލޯކަލް މާރުކޭޓްގެ އުތުރުން އޮންނަ ހުސްބިމުން 12,000 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލުގެ ނިމިގެން ދިޔަ ދައުރުގައެވެ. މި ގޮތުން ކަސްޓަމްސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ޢިމާރާތްކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 ޖަނަވަރި 2020 ގައެވެ.

މި އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ އޭރުގެ މޭޔަރު ޢަބްދުﷲ ޞާދިޤެވެ.

ބިން ހަވާލުކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން މި މަސައްކަތް ނުފެށި ލަސްވެފައިވާއިރު، ކޮވިޑް19 ގެ ސަބަބުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ފަދަ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުން ވަނީ ލަސްވެގެން ގޮސްފައެވެ.