English Edition
Dhivehi Edition

ވައިގެ މަގުން ރާއްޖެއައި ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 2024 އޮގަސްޓް 11 ވަނަ ދުވަހު، ޤަތަރުގެ ދޯހާއިން ރާއްޖެއައި ނެދަލޭންޑްގެ 30 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި އެފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯން (Cathinone)އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 6.070 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 9,105,000.00 (ނުވަ މިލިއަން އެއް ލައްކަ ފަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.