ގޭގޭގެ ފާރުގައި “އިންޑިއާ އައުޓް” ޖެހުމާއި “އިންޑިއާ އައުޓް” ޓީޝާޓެއް ލުމަކީ އަހުލާގީ ފެންވަރު ދަށް އަދި ބޭއަދަބީ ކަމެއް ކަމަށް ސަރުކާރުން ބުންޏަސް އެއީ ސަރުކާރާ ބެހޭ ކަމެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރ. ދުވާފަރުގައި މިއަދު ހަވީރު ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަމުންނެވެ. މި ގޮތުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ “އިންޑިޔާ އައުޓް” ކެމްޕެއިން ހުއްޓާލަންޖެހޭ މަގުބޫލު ސަބަބެއް ސަރުކާރަށް ދެއްކިފައިނުވާކަމަށެވެ. އަދި އިންޑިޔާ ހަރަކާތް ހުއްޓާލަން ޖެހޭ އެންމެ ސަބަބެއް ވެސް ދައުލަތަކަށް ނުދެއްކޭނެ ކަން ފާހަގަކޮށް ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖެ އިން ފޭބުމަށް އެތައް ބަޔަކު ގޮވަނީ މިނިވަންކަމުގެ ދިވެހި ލޭ ހިނގާތީ ކަމަށެވެ. “ޔާމީން އިންޑިޔާ އައުޓް ޖެހީމާ އަހުލާގީ ގޮތުން ރަނގަޅު ކަމެއް ނޫނޭ ބުނެވެނީ، ” ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ރައްޔިތުންގެ މައްސަލައެއް ނެތްކަމަށާއ އިންޑިއާ އަސްކަރިއްޔާ އަށް ބުނަން އޮތީ އިންޑިއާ އައުޓްކަމަށެވެ. އަދި އެއްވެސް ބިދޭސީ އަސްކަރީ ބާރަކަށް ޖާގައެއް ނެތްކަން ފާހަގަކޮށް ރައީސް ޔާމީން ވަނީ މި ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
“ރާއްޖެއަށް ކުރިމަތިލުންތައް އަންނަ ކޮންމެ ފަހަރަކު އެ ބަޔަކު އަންނަނީ އިންޑިއާގެ އައްސޭރިފަށުންނެވެ. އެކަމަކު މި ފަހަރުގެ ތަފާތަކީ، އަމިއްލަ ޖީބުތަކަކަށް ލިބޭ މަންފާއެއްގެ ބޭނުމުގައި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަކީ މުޅި ރައްޔިތުން އެދޭ ގޮތޭ ބުނާ ބުނުން. އެކަމާ ދެކޮޅަށް ނުކުމެ ތިބީ މަދު ބައެއް ކަމަށް ސަރުކާރުން ބުންޏަސް ސަރުކާރާއި އިންޑިއާ އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުރި ސަފީރަށް ދަންނަވަން އޮތީ އިންޑިއާގެ ސިފައިން ފައިބަން ޖެހޭނެ ވާހަކަ” ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންވުމަށްފަހު އިންޑިއާ އައުޓްގެ ނަމުގައި ހިންގަމުންދާ ކެމްޕެއިން އިތުރަށް ވަރުގަދަކޮށްފައިވާއިރު، ސަރުކާރުން އަންނަނީ މި ކެމްޕެއިން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.