ދިވެހި ރައްޔިތުންގެ ފައިސާއަށް އެންމެ ބޮޑަށް ހިޔާނާތްތެރިވެފަ އޮތް ތަނަކީ ފެނަކަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، މި ސަރުކާރުން ހަވާލުވެ ބެލިބެލުމުން، އާންމުންގެ ފައިސާ އަށް ފެނަކައިން އޭރު ހިޔާނާތްތެރިވެފައިވާ މިންވަރު ފާހަގަކުރެވުނު ކަމަށާއި، އެގޮތުން އިންތިގާލީ މަރުހަލާގައި ހާމަކުރި އަދަދުކަމަށްވާ 4.3 ބިލިއަން ރުފިޔާ އަށް ވުރެ ކުންފުނި ދަރާފައި އޮތް އަދަދު މާ ބޮޑު ކަމަށެވެ.
މީގެ އިތުރުން މުއާޒު ވިދާޅުވީ ފެނަކައިގެ އޭރުގެ އިސްވެރިން ހަރަދުކުރި ގޮތް ފެންނަން އެބަހުރި ކަމަށާއި، އެ ބޭފުޅުން ހިޔާނާތްތެރިވެވަޑައިގެންނެވި ގޮތާއި ފައިސާ ދައުރުވި ގޮތް ސާފު ކަމަށެވެ. އެ ގޮތުން ރަށްރަށުގައި ނުވަ އައިސްޕްލާންޓެއް އިމާރާތްކުރަން އޭރުގެ ސަރުކާރުން 4.5 މިލިއަން ރުފިޔާއަށް ހަވާލުކުރިކަމަށާއި އެހެންނަމަވެސް އެއަށް ވުރެ މާ މަތިން ހަރަދުވިކަމަށާއި އަދި އެ ތަންތަނަށް މުވައްޒަފުން ނަގާފައިވާ ކަމަށެވެ. “ނުފަށާ ހުރި ބައެއް މަޝްރޫއުތަކަށް 10-25 މުވައްޒަފުން ނަގާފައިވޭ ބައެއް މަޝްރޫއުތައް ނުނިމެނީސް ވެސް މުވައްޒަފުން ނަގާފައި އެބަތިބި” މުއާޒު ވިދާޅުވިއެވެ.
އިތުރަށް މުއާޒު ވިދާޅުވީ ފެނަކައަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދަން މި ސަރުކާރުން ނިންމާފައިވާ ކަމަށާއި، ބައެއް އެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށެވެ.