English Edition
Dhivehi Edition

ބީއެމްއެލް އިން ރާއްޖޭގައި ގެންނަން އުޅުނީ މާލީ ބަޢާވާތެއްކަމަށާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އިސްތިއުފާ ދެއްވުމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ރޭ ގޮވާލައްވައިފިއެވެ.

ޕީއެންސީން މިރޭ ބާއްވާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ބީއެމްއެލްގެ ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމީ އެމްޑީޕީން އިސްވެ ތިބެގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ، ބީއެމްއެލްގެ ބޯޑުގައި ވެސް ތިއްބެވީ އެ ބަޣާވާތުގެ ބައިވެރިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން މިމަހުގެ 25 ވަނަ ދުވަހު ވަނީ ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައިފައެވެ. ބީއެމްއެލް އިން ކުއްލި ބަދަލު ގެނައީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ފަހުން އެ ބޭންކް އިން ވަނީ ރުފިޔާ ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ ގޮތް އަލުން ހަދައިފައެވެ.

ގައުމީ ބޭންކް ބީއެމްއެލުން އެ ނިންމި ބޮޑު ނިންމުމާ ގުޅުވައިގެން ކުރަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށާއި އޭގެ އަޑީގައި ތިބި ބަޔަކު ހޯދައި އަދަބު ވެސް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރޭގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.