ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ އާ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާކޮށްފިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގެ ޝަރީއަތުގައި، ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްއާ ދެމެދު ހިންގާފައިވާ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތުކުރުމަށް ދިފާއީ ހެކިތަކެއް ވަނީ ހުށަހަޅާފައެވެ. އެ ހެކިތައް ނަފީ ކުރަން ދައުލަތުގެ ފަރާތުން އެ މައްސަލާގައި އާ ހެކިތަކެއް ހުށަހަޅާފައިވާއިރު ކްރިމިނަލް ކޯޓުން ވަނީ ދައުލަތުގެ ހެކިތައް ބަލައިގެންފައެވެ.
ނަމަވެސް، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ، ކްރިމިނަލް ކޯޓުން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިގެންފައިވަނީ ގޯސްކޮށް ކަމަށާއި އެހެންކަމުން، އެ ހެކިތަކަށް ރިއާޔަތް ނުކޮށް ޔާމީންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ. ހައި ކޯޓުގެ މި ނިންމުމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ ހެކިތައް އެއްފަރާތް ކޮށްގެން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ނިންމުންތަކާ އަރާރުންވާ ގޮތަށް އޮތް ނިންމުމެއް ކަމަށެވެ.
މިއަދު ޕީޖީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އަލުން ބަލަން އަންގާފައިވާ މި މައްސަލާގައި އެ ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ. އަދި އެ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން އެންގި އެންގުން، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ފުށުއަރާކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ. ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ، އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށާއި އެ މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތު ދިނުމަށެވެ. އަދި އެ ހެކިތަކާ ގުޅިގެން ދެފަރާތުން ޝަރީއަތުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމާއެކު އެ ހެކިތައް ބަލައިގަތުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމެވެ.