English Edition
Dhivehi Edition
ފޮޓޯ: ގެމަނަދުށި ސްކޫލް އެފްބީ

ކިޔަވައިދޭ ވަގުތު ދަރިވަަރުންނަށް މޫނު ފެންނާނެހެން ތިބުމަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވާތީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މޫނުބުރުގާ އަޅައިގެން ސުކޫލުތަކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއް ބުނީ ޓީޗަރުންގެ މޫނު މައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ދަރިވަރުންނަށް ފިލާވަޅު ފަހުމްވުމުގައި އެހީއަކަށްވާ ކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާކަމަށެވެ. އެހެންކަމުން މޫނު ފެންނާނެހެން ތިބުމަށް އަންގާފައިވަނީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ނުދިނުމަށްޓަކައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސަރުކާރުން ޖަނަވަރީ 2019 އިން ފެށިގެން މޫނު އަޅައިގެން ސުކޫލުކުތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ އޭގެ ކުރީން ސުކޫލުތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ ސަރުކާރުން ދިން ހުއްދައާއެކު މިވަގުތު ސުކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ތެރޭގައި މޫނު ބުރުގާ އަޅާ މީހުން ހިމެނޭ ކަމަށާ އަދު އެފަދަ މުވައްޒިފުންނާމެދު އެއްވެސް ތަފާތު ކުރުމެއްވެސް ނުގެންގުޅޭ ކަމަށެވެ. 2019 ވަނަ އަހަރު އެންގި އެންގުމަށް އެއްވެސް ބަދަލެއްވެސް ގެނެސްފައިނުވާކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭ ގޮތަށްކަމަށެވެ.

މީގެ އިތުރުން އެޑިއުކޭޝަނުން ބުނީ އެކަން އެގޮތަށް ފަހިކޮށްދީފައިވަނީ ލޮލާއި އަނގަޔާއި މޫނު މަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެކަންކަން މުހިންމު ދައުރެއް އަދާކުރާތީ ކަމަށެވެ. އަދި މި ދުވަސްވަރު ޓީޗަރުން މާސްކު އަޅަން އަންގާފައިވަނީ ސިއްހީ ގޮތުން ދިމާވެފައިވާ ހާއްސަ ހާލަތްތަކާ ގުޅިގެން މަޖުބޫރީ ހާލަތު މެދުވެރިވުމުން ކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.