English Edition
Dhivehi Edition
ޝަމްސުއްދީން ސްކޫލުގެ ސްޓާރ ދަރިވަރުން ؛ ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯ ނިއުސް

އަންނަ އަހަރުގެ ދިރާސީ އަހަރު ނިމޭނީ މާޗު މަހު، ބޮޑު ޗުއްޓީ ރޯދަ މަހަށް ފަސްކޮށްފި އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ސްކޫލުތަކަށް ފޮނުވި “ފައިނަލް” ދިރާސީ އަހަރުގެ ކަލަންޑަރުން މިކަން ވަނީ ހާމަވެފައެވެ.

މި ކަލަންޑަރުގައިވާ ގޮތުން، އަންނަ މަހުގެ 26 ގައި ފަށާ އާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ ސެޕްޓެމްބަރު 26 ގައެވެ. ޓާމް ޗުއްޓީ ލިބޭނީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ. ދެވަނަ ޓާމް ފަށާނީ އޮކްޓޫބަރު 6 ގައި، އަދި ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗު 6 ގަ އެވެ.

މިނިސްޓްރީން ވަނީ މާޗް 9 އިން އޭޕްރީލް 3 އަށް ބޮޑު ޗުއްޓީ ދިނުމަށް ނިންމާފަ އެވެ. މި މުއްދަތުގައި އަންނަ އަހަރުގެ ރަމަޟާން މަސް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 28 ގަ އެވެ. އެހެންކަމުން، ރޯދަ މަހުގެ ފަހު 10 ދުވަސް ތެރޭގައި ދަރިވަރުންނަށް ޗުއްޓީ ލިބޭނެ އެވެ. 2025 ވަނަ އަހަރުގެ ކިޔެވުން ފަށާނީ ބޮޑު ޗުއްޓީ ނިމުމުން، އޭޕްރީލް 6 ގަ އެވެ.

މީގެ ކުރިން މިނިސްޓްރީން އާންމުކުރި ޑްރާފްޓް ކަލަންޑަރުގައި، ދިރާސީ އަހަރު ނިންމައި ބޮޑު ޗުއްޓީ ދޭން ހަމަޖައްސާފައި ވަނީ ފެބްރުއަރީ 23 އިން މާޗު 6 އަށެވެ. ނަމަވެސް ފައިނަލް ކަލަންޑަރުގައި ބޮޑު ޗުއްޓީ ފަސްކޮށް ރޯދަ މަހާ ގުޅާލާފައިވާތީ، ދިރާސީ އަހަރު ނިމުން މާޗު މަހަށް ފަސްވެގެން ދިޔައީއެވެ.

ދިރާސީ އަހަރު ފެށުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ އަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އަންނަ އަހަރުގެ ބޮޑު ޗުއްޓީއެއް ވެސް ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ކޮވިޑާ ގުޅިގެން 2021 ގައި ދިރާސީ އަހަރު ފެށުން އޮގަސްޓަށް ބަދަލުކުރީ، އޭރުގެ ސަރުކާރެވެ. ނަމަވެސް އެ ނިންމުމާމެދު ގިނަބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.