English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިން ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމަށް ނުގުޅޭ ފަރާތްތަކުގެ ލިސްޓް އައްޑޫ ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.

ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 09 ނޮވެމްބަރު 2020 ގައެވެ. އެގޮތުން ކެޓަގަރީ A އިން ހިތަދޫ ރައްޔިތުންނަށް 16 ފްލެޓް، ކެޓެގަރީ B އިން މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 6 ފްލެޓްގެ އިތުރުން ކެޓަގަރީ C އިން ފޭދޫ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 6 ފްލެޓް ދިނުމަށް އޭރު ވަނީ އިއުލާންކޮށްފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު، މި އިއުލާން އާއި ގުޅިގެން ފްލެޓަށް އެދި ފޯމްހުށަހެޅި ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތުބެލުމުގެ ގޮތުން ކައުންސިލް އިދާރާއިން ފްލެޓަށް އެދުނު ފަރާތްތަކަށް ގުޅުމަށް މަސައްކަތްކުރަމުން އަންނައިރު ސިޓީ ކައުންސިލުން ވަނީ އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ނުގުޅޭކަމަށް ބުނެފައެވެ. މި ގޮތުން ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމަށް ނުގުޅުނު 25 ފަރާތެއްގެ މައުލޫމާތު ކައުންސިލުން ވަނީ އާއްމުކޮށްފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މިފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ އެ އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅައިގެން، ދިރިއުޅުމުގެ ހާލަތުބެލުމުގެ ކަންކަން ކުރިއަށް ގެންގޮސް ދިނުމަށް އެދިފައެވެ.އަދި މިމުއްދަތުގެ ތެރޭގައި ހާލަތުބެލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނުގުޅާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކުރުމުގައި ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ނުދެވޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.