English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަހައްދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ހިތަދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތައް ހިމެނޭ ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވީ، މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރ، އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ.

މި މިސްކިތަކީ ހިތަދޫގެ ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ރަމަޟާން މަހު ޖަމާޢަތުގައި ނަމާދުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބިނާކުރެވޭ ވަގުތީ މިސްތިކެވެ. ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ހިތަދޫ ފްލެޓް ސަރަޙައްދުގައި ދިރިއުޅެމުންދާ ޢާއިލާތަކަށްވެސް ފަސޭހަ ކަމާއެކު އަޅުކަން ކުރުމާއި ޖަމާޢަތުގެ ނަމާދު އަދާ ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަގްސަދުގައި ބިނާ ކުރާ މި މިސްކިތަކީ ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ދެ ޖަމިއްޔާ ކަމަށްވާ ނޫރުލް އިސްލާމާއި، ޖަމިއްޔަތުލް އުލަމާގެ ދީލަތި އެހީގެ ދަށުން ކައުންސިލްގެ އެއްބާރުލުމާއެކު ބިނާކުރެވޭ މިސްކިތެކެވެ.

މި ކަމަކީ ރަށުގެތަނަވަސް ކަމުގެ އަހުލުވެރިންގެ ދީލަތި އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަކަށް ވާތީ އެ ކަމުގައި އިސްވެ ޙަރަކާތްތެރިވެ ވަޑައިގަންނަވާ ދެ ބޭފުޅުންގެ ނަމްބަރ: 7784843 އަދި 9948762 އަށް ގުޅުއްވައިގެން މަޢުލޫމާތު އޮޅުންފިލުއްވައި އެހީފޯރުކޮށްދެއްވުމަށް ޝެއިޚް ރުޝްދީ އަދި ޝެއިޚް އަނީލް ވަނީ އެދިވަޑައިގެންފައެވެ.

ފްލެޓް ސަރަޙައްދުގައި ވަގުތީ މިސްކިތެއް ބިނާ ކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އެސަރަޙައްދުން ބިމެއް ހަމަޖައްސަވާފައެވެ. 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭގޮތަށް ހަދާ މި މިސްކިތަކީ 40 ފޫޓު 70 ފޫޓް ބޮޑު މިނުގެ މިސްކިތެކެވެ.