މާރާމާރީ އާއި ހަމަނުޖެހުންތައް ގިނަވުމާއި ގުޅިގެން އައްޑޫސިޓީގެ ހިތަދޫ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެފި އެވެ.
ހިތަދޫގައި ހަދާފައިވާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި މިދިޔަ ހުކުރުދުވަހު މެންދުރު ވަގުތު ހިތަދޫ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކުވަނީ ޒަޚަމް ކޮށްލާފައެވެ. މިމާރާމާރީގައި އުމުރުން 29 އަހަރުގެ ފިރިހެނަކަށް އަނިޔާ ވެފައިވާ އިރު މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ހިތަދޫ ގައި 2 މީހަކަށް ވަޅިން ހަމަލަ ދީފައިވާ އިރު އެއީ ވެސް މި ހާދިސާ އާއި ގުޅުން ހުރި މާރާމާރީއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ހިތަދޫ ފްލެޓްތަކުގައި އުޅޭ މީހުންގެ ފަރާތުން އަންނަ ޝަކުވާތަކުގެ ތެރެއިން ގިނަ ކަންކަމަކީ ސެކިއުރިޓީއާ ގުޅޭ ގޮތުން އަންނަ ޝަކުވާތައް ކަމަށާއި އެކަމަކު މިހާތަނަށް ސެކިއުރިޓީ ބެލެހެއްޓޭނެ ހަރުދަނާ އެއްވެސް ނިޒާމެއް އެ ސަރަހައްދުގައި ނެތް ކަމަށް ކައުންސިލަރު އަޙްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
މި ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަ ކުރުމާ ބެހޭ ގޮތުން ކައުންސިލުން ފުލުހުންނާ މަޝްވަރާ ކޮށްފައިވާ އިރު އެ ސަަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރެވޭނެ ގޮތްތަކެއް ހަމަ ޖެއްސުމަށް ވެސް ވަނީ ވާހަކަ ދެކެވިފައެވެ.