English Edition
Dhivehi Edition
އައްޑޫސިޓީގެ ހިތަދޫގައި ހަދާފައިވާ ފްލެޓްތައް މިހާރު ހުރީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށާއި އެތަން މިހާރު އެހެރީ މީހުން ދިރިއުޅެން ރައްކާތެރި ހާލަތުގައި ނޫންކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު އާމިނަތު އަދާލާ ވިދާޅުވެއްޖެއެވެ.
ފްލެޓްގެ ޙާލަތާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަދާލާ ވަނީ ފްލެޓްތަކުގެ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯ ތަކާއި ގުޅުވައިގެން މިއީ އައްޑޫގަ އެތައް ބަޔަކު ދިރިއުޅެމުންދާ ފްލެޓްތަކުގެ ހާލަތު ކަމަށް ވިދާޅުވެފައެވެ.
” ރެއިލިންގަ ދަބަރުޖަހާ ވީރާނާވެފައިވާއިރު މިތަން މިހާރު ހުރީ މީހުން ދިރިއުޅެން ރައްކާތެރި ހާލަތުގައި ނޫންކަމަށް ކަމާއިބެހޭ ހުރިހާ ފަރާތްތަކާއި ވާހަކަދެކެވިއްޖެ. މިކަމާއި އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވެ، މޭޔާރ، މަޖިލިސް މެމްބަރުން. ޕްލޭނިންގ މިނިސްޓަރ އަދި މިނިސްޓްރީގެ އެކި ލެވެލް ތަކުގެ ބޭފުޅުންނަށް އާަދޭސް ދެންނެވިފައި ވާއިރު އަދިވެސް ހައްލެއް ލިބޭތަން ނުފެންނާތީވެ އިންތިހާއަށް ކަންބޮޑުވޭ” އަދާލާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ކައުންސިލަރު ވިދާޅުވީ ފްލެޓް ތަކުގެ މެއިންޓެނަސްއަށް ލިބޭ ފައިސާ އިން އެތަނުގެ ލީކިން މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހިފައި ވާއިރު ރެއިލިން ބަދަލުކުރުން ފަދަ ބިޔަ ޕްރޮޖެކްޓެއް މިފައިސާއިން ކުުރެވޭގޮތެއް ނެތިގެން މިނިސްޓްރީއަށް އެދެން ޖެހޭ ކަމަށެވެ.
“އެހެނަސް މިކަމާއި ގުޅޭގޮތުން މިނިސްޓްރީއިން ކުރެވުނު ތިންް އިއުލާނުވެސް ބާތިލް ކުރެވި މިމަސައްކަތް ލަސްވަމުންދާތީވެ ކަންބޮޑުވޭ. މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި އާދޭސް ދަންނަވަން” ކައުންސިލަރުގެ ޕޯސްޓްގައި ވެއެވެ.
މީގެ 3 އަހަރު ކުރިން ހިތަދޫ ފްލެޓްތަކަށް މީހުން ބަދަލުވި އިރުވެސް ގިނަ ބައެއްގެ ޝަކުވާތައް ގިނައެވެ. ފްލެޓްތައް ޢިމާރާތްކޮށް ނިމުނުފަހުން “ވީރާނާވާން” ދޫކޮށްލާފައި ހުރެ 3 އަހަރަށްވުރެ ގިނަ ދުވަސްވެ، އަޅާލުމެއް ބެލެހެއްޓުމެއްނެތި އެހެން ހުރި ހުރުމުގައި ތަންތަނުގައި ދަމިލަ ޖަހާ، ދަބަރު ހިލި ބައެއް ތަކެތި ފީވެހުރުމުގެ ޝަކުވާ އޭރުވެސް މީހުން ކުރިއެވެ. އޭރުވެސް ކޮރިޑޯތަކުގައި ޖަހާފައިވާ ދަގަނޑު ފެންސްތައް ހުރީ ދަބަރަށްވެ ފީވެފައި ކަމަށް ފްލެޓަށް ބަދަލުވީމީހުން ދިޔައީ ބުނަމުންނެވެ.