ވ.އާރަށުގެ މައްސަލައިގައި, ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީޢަތް ވަގުތުން ދުރަށް ދައްކައި ދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި އެދިއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި، ރައީސް ޔާމީންގެ ވަކީލު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވަނީ، އިންސާފުވެރި އަދި ހާމަކަން ބޮޑު ޝަރީއަތެއް ބޭއްވުމުގެ ގޮތުން، ރައީސް ޔާމީންގެ އެހެން ޝަރީއަތްތަކެކޭ އެއްގޮތަށް އާރަށުގެ މައްސަލަ ވެސް ކްރިމިނަލް ކޯޓުން ލައިވްކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.
ޝަރީއަތް ލައިވް ކޮށްދިނުމަށް މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެދުމުން ދައުލަތުން އެކަމަށް ދެކޮޅު ހަދާފައިނުވާއިރު، ދެން އެމައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމް ވަނީ ޝަރީއަތް ލައިވް ކުރަން ދެކޮޅު ހަދާފައެވެ.
ދައުލަތުން ބުނީ ސުޕްރީމް ކޯޓުގައި ވެސް މިހާރު ސިއްރު އަޑުއެހުންތައް ފިޔަވައި އެހެން އަޑުއެހުންތައް ލައިވް ކުރާކަމަށާއި އެހެންކަމުން ދައުވާ ލިބޭ ފަރާތުން ލައިވް ނުކުރަން އެދުމަކީ ޝަރީއަތް ލައިވް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
މިމައްސަލައިގެ އަޑުއެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެހެންކަމުން އެދުވަހުގެ ޝަރީއަތް ލައިވް ކުރާނަމަ ކުރިން އެކަން އަންގާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރިން ޝަރީއަތް ހިންގި ގއ.ވޮޑުމުލާގެ ޝަރީއަތާއި އަދި މިހާރު ކުރިއަށްދާ ރ.ފުއްގިރި މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުން ލައިވް ކުރެއެވެ.