English Edition
Dhivehi Edition

ކުރިއަށް އޮތް 5 އަހަރަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޚާއްސަ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް ދައުވަތު އެރުވި ނަމަވެސް ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިނުގަންނަވާން ނިންމަވައިފިއެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެރުވި ދައުވަތާއި ގުޅިގެން ޔާމީން ވިދާޅުވެފައިވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެ ކަހަލަ ޖަލްސާއެއްގައި ބައިވެރިވުމަކީ އެ ޖަލްސާގެ ކަރާމާތަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ގަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މަގާމުގެ ޤާނޫނީ ހުވައި ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ބޭރު ގައުމުތަކުގެ އިސް ވެރިން ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެގޮތުން ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އަދި ޗައިނާގެ ރައީސް ޝީ ޖިޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޗިން ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އިންޑިއާއިން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވަޑައިގަތީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫއެވެ.

މި ޖަލްސާގައި ރާއޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.