English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ތުނޑި

ފުވައްމުލައް ސިޓީ ސްޕޯޓްސް ކައުންސިލުން، އެ ސިޓީގެ އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށް ‘ހަށިހެޔޮ ދުޅަހެޔޮ” ކަސްރަތު ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

އުމުރުން 50 އަހަރުން މަތީގެ ދެ ޖިންސުގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ ބޭނުމަކީ ޕެންޑަމިކް ތެރޭގައި ގޭގައި ތިބެގެން ކުރެވޭނެ ކަސްރަތުތައް ދަސްކޮށް ދިނުންކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކަސްރަތު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ފުވައްމުލައް ސިޓީ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މި ޕްރޮގްރާމްގައި ރަޖިސްޓަރީވުމަށް ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު، 9894858 ނަންބަރަށް ވައިބަރ ކުރުމަށް އެދިފައެވެ.

މީގެ ކުރިންވެސް ފުވައްމުލައް ސިޓީގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށް ކަސްރަތުގެ ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.