ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ގެ މެދުގައި އެންމެ ފޯރިއާއެކު ކުރެވޭ އެއް ބަހުސަކަށް ވެފައި އޮންނަނީ އަވަހަށް ހިކޭނީ ކިހިނެއް ކަންތައްތައް ކޮށްގެން ކަމެވެ. ގައިގައި ހުންނަ ބޭކާރު ސަރުބީ ވިރުވާލެވޭނެ ފަސޭހަ ގޮތެކެވެ. އެއްބަޔަކު ތަފާތު އެކި ކަހަލަ ޑައެޓް ޕްރޮގްރާމު ތައް ކުރިއަށް ގެންދާއިރު އަނެއްބަޔަކު ފެންނަނީ ގަވާއިދުން ދުވެ ނުވަތަ ކަސްރަތަށް ނިކުމެ އުޅޭތަނެވެ. ބައެއް މީހުން ހަފްތާ ނުވަތަ 2 ހަފްތާ ވަންދެން ކަސްރަތު ކުރުމަށް ފަހު ދެން ފޫހިކޮށްލައެވެ. މާ ބޮޑު އަސަރެއް އެކަމުން ނުވާކަމަށް ބުނެއެވެ. ހަމަ މިގޮތަށް ޑައެޓް ޕްރޮގްރާމު ގައި ގަދަޔަށް ހިފަހައްޓައިގެން ކެއުން ކޮންޓްރޯލް ކޮށްގެން ތިބޭ މީހުންވެސް ޕާޓީއަކަށް ލިބޭ ދައުވަތާއެކު ނުވަތަ މީރު ކެއުން ގަނޑެއް އަތު ޖެހޭ އިރަށް ޑައެޓް ޕްރޮގްރާމު މެދު ކަނޑާލެވެއެވެ. ބައެއް މީހުން ގަވާއިދުން ކަސްރަތު ކުރަން ދިޔަ ނަމަވެސް އަހަރު ދެއަހަރު ވާއިރު ވެސް ހަށިގަނޑުން އެކަން އެނގޭކަށް ނުހުރެއެވެ.
ކަސްރަތު ކުރަން ދާ މީހުންނަށް މިއޮތީ އަނެއްކާވެސް އުފާވެރި ޚަބަރެކެވެ. ޖަޕާނުގެ ދިރާސާކުރާ ފަރާތްތަކުން ހޯދި ހޯދުން ތަކުން ދައްކާ ގޮތުގައި ވާރޭގެ ތެރޭގައި ކުރާ ކަސްރަތުން ކުރާ ފައިދާ މާ ބޮޑެވެ. ވާރޭ ވެހޭއިރު އެ ފިނީގެ ތެރޭގައި ތިބެގެން ކުރާ ފިޒިކަލް އެކްޓިވިޓީސް ތަކުގެ ސަބަބުން ފެޓްސް އާއި ކެލޮރީސް އަނދާ މިންވަރު، ހޫނު ދުވަހެއްގައި ކުރާ ކަސްރަތަށް ވުރެ ގިނަ ކަމަށް މި ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުން ވާރޭގެ ތެރޭގައި ތެމިގެން ތިބެ ހެލިފެލިވާއިރު، ޖައްވުގައި ހުންނަ ތެތް ފިނީގެ ސަބަބުން ހަންގަނޑާއި އަދި އިސްތަށިގަނޑު މަޑުކޮށްދީ މަސްތަކުގައި ހުންނަ ވާންކަން ކަނޑުވާލަދެއެވެ. ހަމަ މިއާއެކު ވާރޭގެ ސަބަބުން ސިކުނޑި ތާޒާކޮށް ސްޓްރެސްވެސް ފިލައިގެންދާ ކަމަށް މި ދިރާސާ ކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ވާރޭގެ ތެރޭގައި ހިނގާލާފައި ދާއިރު ތިމާ އާއި ދިމާވެފައިވާ މައްސަލަތަކާ މެދު ވިސްނުމުން ރަނގަޅު ގޮތްގޮތަށް ވިސްނޭ ކަމަށް ވެއެވެ. ސަބަބަކީ ވާރޭގެ ތެރޭގައި ހިނގާލާފައި ދާއިރު ސިކުނޑިއަށް ވެރިވެފައި ހުންނަ ތާޒާ ކަމެއްގެ ސަބަބުން ވިސްނަން ފަސޭހަވާނެތީއެވެ.
ވާރޭ ވެހޭ ވަގުތު ވާރޭ ފެނުގެ ސަބަބުން ޖައްވުގައި ހުންނަ ނުސާފުވައި ސާފުކޮށްދީ ވިހަ މާއްދާތައް ނައްތާލައެވެ. އެހެންކަމުން ތިމާގެ ވަށައިގެން އެވަގުތުވާ މާހައުލަކީ ސާފު ވެއްޓަކަށް ވެދެއެވެ.
ރާއްޖެ އަކީ މޫސުމީ މާބޮޑު ތަފާތެއް އަންނަ ގައުމެއް ނޫން ކަމުގައި ވިޔަސް ވާރޭ މޫސުމަކީ ރާއްޖެއަށް އަންނަ ދެ މޫސުމުގެ ތެރެއިން ގިނަ ދިވެހިން އެހާ ގަޔާވާ މޫސުމެއް ކަމަށް ނުބެލެވެއެވެ. ސަބަބަކީ ވެހޭ ވާރެއާއެކު މުޅި ރަށުގައި ފެން ބޮޑުވާތީއެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ހުރަސްއެޅި މަސްވެރިކަން ދައްވާތީއެވެ. ކަނޑު ގަދަކަމުން ފަތަން ނުދެވޭތީއެވެ. ބޭރުގައި ކުޅޭ ކުޅިވަރުތައް މެދުކަނޑާލަން ޖެހޭތީއެވެ.
ނަމަވެސް ވާރޭ ދެކެ ލޯބިވާ މީހުން އަދިވެސް ވަރަށް ގިނައެވެ. ވާރޭ ވެހެން ފެށުމުން ޅަދުވަސް ހަނދާން ވެ ވާރޭގެ ތެރޭގައި ތެމިލަން ހިތްއެދޭ މީހުން ގިނައެވެ. ކުޑައިރު ވާރެއާއީ ތެމިގެން ކުޅުނު ކުޅިވަރުތަކާއި ނެގި މަޖަލުގެ މަތިން ހަނދާން އާވެގެންދެއެވެ. އެފަދަ ފަރާތްތަކަށް މިއޮތީ ރަނގަޅު ޚަބަރެކެވެ. ކުޑައިރު އުޅުނު ގޮތަށް މިހާރުވެސް ވާރޭގައި ތެމިލަން ވީއެވެ. ސިކުނޑިއަށް ވެރިވެފައިވާ ވަރުބަލިކަމާއި ހާސްކަން ކެނޑި މީހާ ދުޅަހެޔޮކޮށް ހުރުމަށް މިއީ ރަނގަޅު ފަރުވާއެއް ކަމަށް ދިރާސާތަކުން އެވަނީ ދައްކާފައެވެ.
ރާއްޖެއަށް މެދުނުކެނޑި ވިއްސާރަކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު ވާރޭގެ ސަބަބުން ތެމިދާނެތީ ކަސްތަރު ކުރަން ނުދެވިފައި ތިބި ފަރާތްތަކުން އާ ހިތްވަރަކާއެކު ވާރޭގެ ތެރޭގައި ތެމިގެން ކަސްރަތުކުރަން ފަށަންވީއެވެ. އަވަހަށް ހިކެން ބޭނުންނަމަ ފުރުސަތުގެ ބޭނުން ހިފާށެވެ!